ކުޅިވަރު

މާޒިޔާއާއި ދެމެދުގައިވާ ފަރަގު ވެލެންސިޔާއިން 4 ޕޮއިންޓަށް ކުޑަކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނާގައިވާ މާޒިޔާއާއި ދެމެދުގައިވާ ފަރަގު ކުލަބް ވެލެންސިޔާއިން 4 ޕޮއިންޓްއަށް ކުޑަކޮށްފިއެވެ.

ކުލަބް ވެލެންސިޔާއިން މިފަރަގު ކުޑަކޮށްފައިވަނީ ރޭ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ކުލަބް ވެލެންސިޔާއިން ރަގަނޅު ކުޅުމެއް ދެއްކިއިރުގައި ދަ ގްރާންޑޭއިންވެސްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި ކުލަބް ވެލެންސިޔާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހު ވެލެންސިޔާގެ ކެޕްޓަން އަލީ އަޝްފާގް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވީއިރު، މެޗްގެ 26ވަނަ މިނެޓްގައި ވެލެންސިޔާގެ އަހުމަދު ރިލްވާން ފޮނުވާލި ބޮޅަވެސް ޖެހުނީ ގޯލްގެ ދަނޑީގައެވެ. މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގީ ކުލަބް ވެލެންސިޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 27 ވަނަ މިނެޓްގައި ސްޕެއިން ފޯވާޑް ބޯހަސް މާޓިންއެވެ. ވެލެންސިޔާގެ މިލަނޑަށްފަހު ދަ ގްރާންޑޭއިން ކުޅުން ރަގަނޅުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗްގެ 29ވަނަ މިނެޓްގައި ދަ ގްރާންޑޭގެ މުހައްމަދު ސަހާއު އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. އަދި ވެލެންސިޔާގެ އޭރިޔާގެ ތެރޭގައި ހުރެފައި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އޭނާގެ ފައިގައި ރަގަނޅަށް ލައްވާލާވަރެއް ނުވިއެވެ.

ކުލަބް ވެލެންސިޔާގެ ދެވަނަ ލަނޑަކީ ދަ ގްރާންޑޭގެ އަހުމަދު ވިޖުދާންގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. ވިޖުދާންގެ ފައިގައި ޖެހިފައި ގޯލް ތެރެއަށް ވަންނަން ދިޔަ ބޯޅަ ކީޕަރު އިޔާން އަބްދުލް އަލީމް ދިފާޢުކުރިނަމަވެސް، އިޔާން ބޯޅަ ދިފާޢުކުރުމުގެ ކުރިން ގޯލް ލައިން ހުރަސްކޮށްފައިވުމުން ރެފްރީ ޖާވިޒްވަނީ އެއީ ގޯލްއެއްކަމަށް ނިންމާފައެވެ. ކުލަބް ވެލެންސިޔާއިން ދެ ގޯލްޖަހާފައިވުމުން މެޗްގެ ދެވަނަ ހާފްގައި ދަ ގްރާންޑޭއިން ވަރަށް ބޮޑަށް ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އަދި ދަ ގްރާންޑޭގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ވެލެންސިޔާގެ ކީޕަރު ފައިސަލްވަނީ މަތަކޮށްފައެވެ.

ލީޑް އިތުރަށް ފުޅާކުރުމަށް ވެލެންސިޔާގެ ކެޕްޓަން އަލީ އަޝްފާގަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މެޗްގެ 56ވަނަ މިނެޓްގައި އަޝްފާގް ފޮނުވާލި ހަމަލާ، އޭނާއަށް ރަގަނޅަށް ފޮނުވާނުލެވުނުއިރު، އެބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ކުލަބް ވެލެންސިޔާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 75ވަނަ މިނެޓްގައި ބިދޭސީ ފޯވާޑް ބޯހަސްއެވެ. މެޗްގެ ފުރަތަމަ ހާފާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި ދަ ގްރާންޑޭއަށް ގޯލް ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އަދި ދަ ގްރާންޑޭއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލީ ދަ ގްރާންޑޭގެ ހަސަން ޝިފާންއެވެ. ކާޑު ހަމަވުމުގެ ސަބަބުން ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ބަދަލުގައި ވެލެންސިއާގެ ފަހަތް ބަލަހައްޓާފައިވަނި އީރާންގެ ޑިފެންޑަރު މެހެދާދު ޕޫލާދީއެވެ. މީގެ ކުރިން މެޗްތަކުގައި ޕުލާދީ ކުޅުނީ މެދުތެރެއަށެވެ.

މިމެޗުން މޮޅުވުމާއި ގުޅިގެން ކުލަބް ވެލެންސިޔާއަށްވަނީ 12 މެޗުން 24 ޕޮއިންޓް ލިބިފައެވެ. އަދި ލީގް ތާވަލްގެ އެއްވަނާގައި އުޅޭ މަޒިޔާއަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވެއެވެ. މިމެޗުން ބަލިވި ދަ ގްރާންޑޭއަށް 13 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމް އޮތީ ލީގް ތާވަލްގެ 4 ވަނައިގައެވެ.