ޚަބަރު

ޗެކު ރިޕަބްލިކުގައި ތިބި ރަޝިޔާގެ ޚާރިޖީ މުވައްޒަފުން ފޮނުވާލަނީ


2014ވަނަ އަހަރުގެ ތެރޭގައި ޗެކު ރިޕަބްލިކުގައި ހަތިޔާރު ރައްކާކޮށްފައިވާ މަރުކަޒެއްގައި ގޮވި ގޮވުމަކާ ރަޝިޔާގެ ޖާސޫސީ އިދާރާއަކާ ގުޅުމެއްވާކަމަށް ބުނެ އެ ޤައުމުގައި ތިބި ރަޝިޔާގެ 18 ޚާރިޖީ މުވައްޒަފުން އަނބުރާ ޤައުމަށް ފޮނުވައިލުމަށް ޗެކު ރިޕަބްލިކުން ނިންމައިފިއެވެ.

2014ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ޗެކު ރިޕަބްލިކުގެ ހަތިޔާރު ރައްކާކުރާ މަރުކަޒެއްގައި ހިނގި ގޮވުމުގެ ހާދިޘާގައި ދެ މީހުންވަނީ މަރުވެފައެވެ. ޗެކު ރިޕަބްލިކުގެ ބޮޑުވަޒީރު އަންދުރޭ ބަބިޝް ވިދާޅުވީ ގޮވުމުގެ ހާދިޘާއާ ރަޝިޔާގެ ޖާސޫސީ އިދާރާ ޖީއާރުޔޫއާ ގުޅުމެއްވާކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭކަމަށެވެ.

ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޗެކު ރިޕަބްލިކަކީ ނޭޓޯގައިވެސް ހިމެނޭ ޤައުމެކެވެ. ޗެކު ރިޕަބްލިކުގެ ޚާރިޖީ ވުޒާރާއިން ބުނީ ގޮވުމުގެ ހާދިޘާއާ ގުޅިގެން ރަޝިޔާގެ އެންބަސީގައި މަސައްކަތްކުރާ 18 މުވައްޒަފުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޤައުމު ދޫކޮށް ދިޔުމަށް އަންގާފައިވާނެކަމަށެވެ. އެ ޤައުމުގައި ތިބި ރަޝިޔާގެ ޚާރިޖީ މުވައްޒަފުން އަނބުރާ ފޮނުވައިލުމަށް ނިންމުމުން ޗެކު ރިޕަބްލިކާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުން ދުވަހަކުވެސް ގޯސް ނުވާ މިންވަރަށް ގޯސްވާނެކަމަށް ބެލެވެއެވެ. ޗެކު ރިޕަބްލިކުގެ ނިންމުމުގެ ސަބަބުން މޮސްކޯގައި ހުންނަ އެ ޤައުމުގެ އެންބަސީ ރަޝިޔާއިން ބަންދުކުރުން އެކަށީގެންވެއެވެ.

ޗެކު ރިޕަބްލިކުގެ ވެރިރަށް ޕުރާގުގައި ހުންނަ އެމެރިކާގެ އެންބަސީންވަނީ ޗެކު ރިޕަބްލިކަކީ އެމެރިކާގެ ބައިވެރިއެއްކަމަށް ބުނެފައެވެ. ރަޝިޔާއިން އެ ޤައުމުގެ ފަސްގަނޑުގައި ހިންގާފައިވާ ނުރައްކާތެރި ޖަރީމާއާ ގުޅިގެން ފިޔަވަޅު އެޅުމަށް ޗެކު ރިޕަބްލިކުން ނިންމި ނިންމުމަށް ތާއީދުކުރާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.