ޚަބަރު

ސޫރިޔާގެ ރިޔާސީ އިންތިޚާބު އަންނަ މަހު ބާއްވަނީ


އަންނަ މެއި މަހުގެ 26ވަނަ ދުވަހު ސޫރިޔާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމައިފިއެވެ.

ސޫރިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމަށް 11 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. ރައީސްކަމަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި 10 އަހަރު ސޫރިޔާގައި ދިރިއުޅެފައިވުން ހިމެނެއެވެ. އޭގެ ސަބަބުން އެކި ސަބަބުތަކާހުރެ ބޭރު ޤައުމުތަކުގައި ތިބި އިދިކޮޅު ގިނަ ސިޔާސީވެރިންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

އިންތިޚާބު ބާއްވާ ތާރީޚު އިޢުލާނުކުރައްވަމުން ސޫރިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޙަމޫދާ ޔޫސުފުލް ޞަބާޣު ވިދާޅުވީ ޤައުމުގެ ރައީސެއް އިންތިޚާބުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ޙައްޤު ޢަދާކުރުމަށް އާންމުންނަށް ގޮވާލައްވައިކަމަށެވެ. އެ އިންތިޚާބުން ޤައުމުގައި އޮތް ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައިވާކަން ދައްކުވައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ދަނީ ވެރިކަމުގެ ދެވަނަ ދަޢުރެއް ފުރިހަމަ ކުރައްވަމުންނެވެ. ކުރިއަށް އޮތް އިންތިޚާބުގައި ތިންވަނަ ދަޢުރަކަށް އޭނާ އިންތިޚާބުވެވަޑައިގަންނަވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ސޫރިޔާގެ އިދިކޮޅު ސިޔާސީވެރިންނާއި އެމެރިކާއިން ޤަބޫލުކުރާގޮތުގައި މެއި މަހުގެ އިންތިޚާބު ބާއްވަނީ ބައްޝާރަށް ތިންވަނަ ދަޢުރެއް ޔަޤީންކުރުމުގެ މަޤުސަދުގައެވެ. ސޫރިޔާގެ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް ގުރީންފީލްޑުވަނީ ވިދާޅުވެފައެވެ.

ބައްޝާރު ނިޞްބަތްވަޑައިގަންނަވާ ސޫރިޔާގެ ބާތު ޕާޓީން ވެރިކަންކުރާތާ 50އަށްވުރެ ގިނަ އަހަރުވަނީ ވެފައެވެ. ސޫރިޔާގެ ރައީސްގެ މަޤާމަށް ބައްޝާރު ޢައްޔަނުކޮށްފައިވަނީ 1979ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ވެރިކަންކުރަމުންދިޔަ އޭނާގެ ބައްޕާފުޅު ޙާފިޒު އަލްއަސަދު އަވަހާރަވުމުން 2000ވަނަ އަހަރުގެ ތެރޭގައެވެ.

ސޫރިޔާގައި ދީމިޤްރާޠީ ވެރިކަމެއް ޤާއިމުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންދިޔަ އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް މީގެ ދިހަ އަހަރުކުރިން އެ ޤައުމުގެ އަސްކަރިއްޔާއިން ނުކުތުމުން އެ ޤައުމުގައި ދަނީ ދާޚިލީ ހަނގުރާމައެއް ކުރަމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން ސޫރިޔާވަނީ އެއްކޮށް ސުންނާފަތިވެ ވީރާނާވެފައެވެ. އެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ނަމަވެސް ރަޝިޔާއާއި އީރާނުގެ އެހީތެރިކަމާއެކު ބައްޝާރުގެ ފައުޖުތައް ހޯދަމުންދާ ކާމިޔާބީގެ ސަބަބުން ހަނގުރާމައަށް ނިމުމެއް އަންނަން ކަރިއިވެފައިވާކަމުގެ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ.