ޚަބަރު

ކޯވިޑް-19ގެ ޙާލަތު ގޯސްވެ ފަރަންސޭސިވިލާތުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ


ކޯވިޑް-19 ޖެހިފައިވާ ޙާލުބޮޑު ބަލިމީހުންނަށް ފަރަންސޭސިވިލާތުގެ ހަސްފަތާލުތަކުގެ އައިސީޔޫތަކުގައި ފަރުވާދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 5.28 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 100،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ކޯވިޑް-19 ޖެހިގެން އަށްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ފަރަންސޭސިވިލާތުގައެވެ. ފާއިތުވި ދުވަސްތަކުގައި ބަލީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެ ޤައުމުވަނީ ތިންވަނަ ފަހަރަށް ފުރަބަންދުކޮށްފައެވެ. ނަމަވެސް ބަލީގައި ޙާލުބޮޑުވާ މީހުންގެ ޢަދަދުވަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 29،344 މީހުންނަށް ކޯވިޑް-19 ޖެހި 140 މީހުންވަނީ މަރުވެފައެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19 ޖެހިފައިވާ 30،789 މީހުންނަށް ހަސްފަތާލުތަކުން ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 5،893 މީހުންނަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފަރަންސޭސިވިލާތުގައި މިހާތަނަށް 12.5 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒުވަނީ ދީފައެވެ.