ކުޅިވަރު

ވުލްފްސްބަރގް ބަލިކޮށް ބަޔާނުން ޕޮއިންޓް ތާވަލްގައި 7 ޕޮއިންޓްގެ ލިޑެއް


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ވީއެފްއެލް ވުލްފްސްބަރގް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ބަޔޭންއިން ޕޮއިންޓް ތާވަލްގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ވުލްފްސްބަރގްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔޭން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ފަހުން ކުޅުނު ފުރަތަމަ މެޗްގައި ބަޔާންއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ ބަޔާންގެ އުމުރުން 17 އަހަރުގެ ޒުވާން ހުނަރުވެރިޔާ ޖަމާލް މުސިއަލާއެވެ. އަދި މެޗްގެ 24 ވަނަ މިނެޓްގައި ބަޔާންގެ އެރިކް މެކްސިމް ޗޯޕޯ މޯޓިންގވަނީ ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗްގައި ވުލްފްސްބަރގްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ ވޫޓް ވެގްހޯސްޓްއެވެ. ނަމަވެސް މިލަނޑު ވުލްފްސްބަރގުން ޖެހިތާ ދެ މިނެޓްފަހުން މުސިއަލާވަނީ މިމެޗްގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ބަޔާންއަށް ދެގޯލްގެ ލީޑެއް ނަގައިދީފައެވެ. މިމެޗްގައި ވުލްފްސްބަރގުން އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗްގެ 54 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެކްސިމިލިއަން ފިލިޕްސްއެވެ. މިމެޗްގެ 66 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ވެގްހޯސްޓްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ބަޔާންގެ ކީޕަރ މެނުއަލް ނޯޔަރ ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ބަޔާންއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި 7 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބަޔާން މިހާރު 29 މެޗް ކުޅެފައިވާއިރު 68 ޕޮއިންޓް ވަނީ ލިބިފައެވެ. ލީގުގައި މިހާރު ބާކީ ދެން އޮތީ ފަސް މެޗް ކަމުން ދެވަނައިގައި އުޅޭ އާރްބީ ލިޕްޒިގަށް ބަޔާން އާއި އަރާ ހަމަކުރެވޭނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. އަދި ލިޕްޒިގް ރޭ ކުޅުނު މެޗުވެސްވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މިމެޗުން ބަލިވުމުން ވުލްފްސްބަރގް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.