މޮންޓެ ކާލޯ މާސްޓަރސް ޓެނިސް މުބާރާތުގެ ފައިނަލުން ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ސިޓްސިޕާސް ޖާގަހޯދީ ސެމީ ފައިނަލްގައި އިނގިރޭސިވިލާތުގެ ޑެން އިވާންސްއާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗް ސިޓްސިޕާސް ކާމިޔާބު ކުރީ ހައެއް ދެއެއް އަދި ހައެއް އެކަކުންނެވެ. މިމުބާރާތުގެ ފައިނަލްގައި ދުނިޔޭގައި ފަސްވަނައަށް ރޭންކް ކުރެވިފައިވާ ސިޓްސިޕާސް ބައްދަލުކުރާނީ މުބާރާތުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ އަންޑްރޭ ރުބްލޭފްއާއެވެ. ރުބްލޭފް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ނޯވޭގެ ކެސްޕަރ ރުޑް އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ.
މިމުބާރާތުގެ ސިންގަލްސް ފައިނަލަށް ނުދިޔަ ނަމަވެސް ފިރިހެން ޑަބަލްސް ފައިނަލުންވަނީ އިވާންސް ޖާގަހޯދާފައެވެ. މިގޮތުން އިވާންސް އާއި ނީލް ސްކުޕްސްކީވަނީ މިމުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސެބަސްޓިއަން ކަބާލް އާއި ރޮބަރޓް ފަރާ އާއި ބައްދަލުކޮށް ދެ ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މިމެޗްގެ ސެޓްތައް މިދެކުޅުންތެރިން ކާމިޔާބުކުރީ ހަތެއް ހައެއް، ދެއެއް ހައެއް އަދި ދިހައެއް ހަތަރަކުންނެވެ.