ޚަބަރު

އުނގޫފާރު އިސްލާމިކް ސެންޓަރު މިއަހަރު ހުޅުވަނީ


ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރުގެ ހުރިހާ މަސައްކަތްތައް ނިންމާ މިއަހަރުތެރޭ އެ ސެންޓަރ ރަސްމީކޮން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ދީނީ ތަފާތު ޙަރަކާތްތައް ހިންގުމަށް ބޭނުން ކުރެވޭފަދަ ގޮތަކަށް ރ.އުނގޫފާރުގައި އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ މާރޗްމަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެ ސެންޓަރުގެ ބިންގާ އަޅާފައިވަނީ އެއަހަރުގެ މާރޗްމަހުގެ 9 ވަނަ ދުވަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ. ނަމަވެސް އިސްލާމިކް ސެންޓަރަށް ބޭނުންވާ ފަރުނީޗަރުތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ފަރުނީޗަރު ހަމަޖެހެންދެން، ރަސްމީކޮށް ހުޅުވުން ފަސްކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން މިއަހަރު އިސްލާމިކް ސެންޓަރުގެ ހުރިހާ މަސައްކަތްތައް ނިންމާ ސެންޓަރ ރަސްމީކޮން ހުޅުވޭނެކަމަށް ލަފާކުރޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު މި ސެންޓަރު ހުޅުވުމަށް އަމާޒު ހިފާފައިވާއިރު އެސެންޓަރ ބޭނުންނުކޮށް ގިނަދުވަހު ހުރުމުގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނުން އަންނަނީ ކުރަމުންނެވެ.

ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރުގެ ބިނާކުރުމަށް ހަތާވީސް މިލިއަން ފަސްލައްކަ ފަސްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިސެންޓަރުގައި ނަމާދު ކުރާ ހޯލުގެ އިތުރުން، ޤުރްއާނުގެ ޢިލްމު ފެތުރުމަށް ކްލާސް ރޫމާއި، ދެ ޖިންސަށް ވަކިން ޚާއްޞަކޮށް
ވުޟޫކުރުމާއި ފާހާނާކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިސެންޓަރު ފަރުމާ ކުރެވިފައި ވަނީ ކަރަންޓުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި، ސާފު ވަޔާއި، ގުދުރަތީ އަލި ލިބޭނެގޮތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް ބަލައިގެންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.