ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާގެ ނުފޫޒު އިތުރުކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އެމެރިކާއާއި ޖަޕާނުން ބުނެފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވައިފައެވެ. އެއީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ބޭރު ޤައުމެއްގެ ވެރިޔަކާ ބައިޑަން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ދަޢުރުގައި ގޯސްވެފައިވާ ޚާރިޖީ ގުޅުންތައް އަލުން އިޢާދަކޮށް ރަނގަޅުކުރުމަށް ބައިޑަންވަނީ ވަޢުދުވެވަޑައިގެންފައެވެ. ސުގާގެ ދަތުރުފުޅާއެކު ޖަޕާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ބައިޑަނަށްވަނީ ފުރުޞަތެއް ލިބިވަޑައިގެންފައެވެ. ސުގާއާއި ބައިޑަންގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޗައިނާއާ ގުޅޭގޮތުންނެވެ. އޭގެ ސަބަބުން ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގައި ޖަޕާނަކީ މުހިންމު ބައިވެރިއެއްކަން ހާމަވެއެވެ. އެ ބައްދަލުވުމުގައި ތައިވާނު ސަރަޙައްދުގައި ޗައިނާއިން އަސްކަރީ ޙަރަކާތްތައް އިތުރުކުރުމާއި ހޮނގް ކޮނގުގެ މައްސަލައާއި ޗައިނާގެ ޝިންޖިޔާނު ޕުރޮވިންސުގައި ދިރިއުޅޭ މުސްލިމުންނާމެދު ޗައިނާއިން ޢަމަލުކުރަމުންދާ ގޮތާމެދުވަނީ މަޝްވަރާކޮށްފައެވެ.
މަޝްވަރާތަކަށްފަހު ދެ ބޭފުޅުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އެމެރިކާއާއި ޖަޕާނާ ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަމަށެވެ. ދެ ބޭފުޅުންގެ ދެމެދުގައި ކުރެއްވި މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށާއި އިންޑޯ ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ޔަޤީންކުރުމަށް ޗައިނާއާ ގުޅުންހުރި މައްސަލަތަކާއި އުތުރު ކޮރެޔާގެ މައްސަލާގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.
ޗައިނާއިންވަނީ އެމެރިކާއާއި ޖަޕާނުގެ ބަޔާން ބަލައިނުގަންނަކަމަށް ބުނެފައެވެ. ޗައިނާއިން ބުނީ ތައިވާނުގެ މައްސަލައާއި ހޮނގު ކޮނގުގެ މައްސަލައާއި ޝިންޖިޔާނުގެ މައްސަލައަކީ އެ ޤައުމުގެ ދާޚިލީ މައްސަލަތަކެއްކަމަށެވެ.