ޚަބަރު

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމާގުޅިގެން، އެޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


އަމީނިއްޔާ ސްކޫލަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވެވި ތަޢުޒިޔާ މެސެޖްގައި، އެ ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މިހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

ނާއިލާ އިބްރާހިމް ކަލޭފަނަކީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަދި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުންނެވެ. އެކަމަނާއަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ހުސައިންއާއި، މީރާ ބޯޑުގެ ޑެޕިއުޓީ ޗެއަރޕާސަން ލީނާ ޒާހިރު ހުސައިންއާއި މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ވާއިލް ޒާހިރު ހުސައިންއެވެ. މީގެއިތުރުން އެކަމަނާއަކީ ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ ދައްތާފުޅެވެ. އެކަމަނާގެ ބައްޕާފުޅަކީ 1950 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދި މީހާކަމަށްވާ ދިއްދޫ އިބްރާހިމް ކަލޭފާނެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ،28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި، ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި، ހެޑްޓީޗަރު ކަމާއި، ސެކަންޑަރީ ސުޕަވައިޒަރ ކަމާއި، ސުޕަވައިޒަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ޣިޔާޘުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

މީގެއިތުރުން އެކަމަނާއަކީ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިސްކޮށް ހުންނަވައިގެން އުފެއްދި ސޯސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ފައުންޑަރ މެމްބަރެކެވެ. މީގެއިތުރުން ކެއްކުމާއި ގުޅުންހުރި ފޮތްތައްވެސް އެކަމަނާ ޝާއިޢުކޮށްފައިވެއެވެ.