ޚަބަރު

ރައީސަށް ދެވުނު ހަމަލާއާއި ގުޅިގެން 4 މީހަކު ހޯދުމަށް ރެޑް ނޯޓިސް


ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދެވުނު ނުރައްކާތެރި ހަމަލާއާއި ގުޅިގެން ފުލުހުންގެ ތަހުޤީގަށް ހޯދުމަށް ޢިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ހޯދުމަށް އިންޓަރ ޕޯލް ރެޑް ނޯޓިސް ނެރެ، 3 މީހަކު ހޯދުމަށް ރެޑްނޯޓިސް ނެރެދިނުމަށް އެދިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕޯކްސް ޕާސަން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ރެޑް ނޯޓިސް ނެރެފައި ވަނީ ހ. އައިދާ، މުހަންމަދު އަސީލް އަހުމަދު ހޯދުމަށް ކަމަށެވެ. އަސީލް މީގެކުރިން ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ޗެއާމަންގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު އަދާކޮށްފައެވެ. މިހާތަނަށް ރެޑް ނޯޓިސް ނެރެދިނުމަށް އެދިފައި ވަނީ މުހަންމަދު ވިސާމާއި މުހަންމަދު ހުސެއިންގެ އިތުރުން މުހަންމަދު އައްލާމް ލަތީފް ހޯދުމަށެވެ. މިމައްސަލައިގައި ފުލުހުން ހޯދުމަށް ޢިއުލާނު ކޮށްފައިވާ އަހުމަދު އަޝްރަފް މީގެކުރިން ވަނީ ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައެވެ.މިއަދުގެ ޕްރެސް ކޮންފަރެންގައި ނަވާޒް ވިދާޅުވީ މުލިއާގޭ ކައިރިން މިމަހުގެ ދެވަނަ ދުވަހު ފެނުނު އައި.އީ.ޑީގެ މައްސަލައިގައި ވެސް މިހާތަނަށް ބަޔަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. ނަމަވެސް މި މައްސަލާގައި ހައްޔަރުކުރީ ކިތަށް މީހުންކަން ފުލުހުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަވާޒް ވިދާޅުވީ އައި.އީ.ޑީ ފުނުނު މައްސަލައާއި ގުޅިގެން އަދިވެސް ތަހުޤީގަށް ބޭނުންވާ ބައެއް ފަރާތްތަށް ހައްޔަރު ނުކުރެވި ވާތީ ހައްޔަރުކޮށްފައިވާ މީހުންގެ އިތުރު ތަފްސީލް މިވަގުތަށް ދެވެން ނެތްކަމަށެވެ. މިހާރު ތަހުޤީގު ކުރިއަށްދާ ބޮޑެތި ހުރިހާ މައްސަލަތަކުގެ ތަހުޤީގަށް ލިބިފައިވާ ކުރިއެރުން ފުލުހުން ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކޮށްފައި ވާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.