ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފި


މުޅި ރާއްޖެއަށް އިޢުލާންކުރެއްވި
ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން މިއަދު ނިމުމަކަށް ގެންނަވައިފިއެވެ.



ކުއްލި ނުރައްކަލުގެ ޙާލަތު
ނިމުމަކަށް ގެންނެވިކަން މިއަދު އިޢުލާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު
އިޢުލާންކޮށްދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު
އަނިލްއެވެ.



ރައީސްގެ ޤަރާރުގައި
ވިދާޅުވެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު ބާރަގަޑި ސުންމިނެޓުން
ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށް ސަރުކާރުން އިޢުލާންކުރެއްވި ކުއްލި ނުރައްކަލުގެ
ޙާލަތު މިއަދު ހަވީރު ފަހަކުން ފެށިގެން ނިމުމަކަށް ގެންނަވާފައިވާކަމަށެވެ.



އަދި މިޙާލަތު ނިމުމަކަށް
ގެންނެވީ ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮއްވާލި ޙާދިސާގެ ތަޙްގީގަށް ބޮޑެތި
ކުރިއެރުންތަކެއް ލިބި،
ނުރައްކާތެރި ހަތިޔާރު ބޭނުންކުރަން މަސައްކަތްކުރި ބަޔަކު ހައްޔަރުކުރެވިފައިވާތީ
ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ. އަދި  ކުއްލި ނުރައްކަލުގެ ޙާލަތު ޢާއްމު ޙާލަތަށް ވީ
އެންމެ އަވަހަކަށް ބަދަލުކުރަންޖެހޭކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށްވެސް
އެ ޤަރާރުގައިވެއެވެ.



ކުއްލި ނުރައްކަލުގެ
ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި
އެހީތެރިކަމަށް ނުހަނު ޝުކުރު އަދާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް ސަރުކާރާއި ސަލާމަތީ
ބާރުތަކުގެ އެންމެ އިސް ޒިންމާ އަދި އެންމެ އިސް ވާޖިބަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް
ސުލްޙަވެރިކަމާއި އަމާންކަމާއެކު އުޅޭވޭނެކަން ކަށަވަރުކޮށްދިނުން ކަމަށްވެސް މިއަދު
ރައީސް ނެރުއްވި ގަރާރުގައިވެއެވެ. މި ގޮތުން ދިވެހި ރައްޔިތުންނާއި ރާއްޖޭގައި
އުޅޭ މީހުންނާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ރާއްޖޭގެ ސަރަޙައްދު
ރައްކާތެރިކުރުމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު
އަޅުއްވަމުން ގެންދާވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ
ދެއްވާފައިވެއެވެ.