ކުޅިވަރު

އިނގިރޭސިވިލާތުން މެކްސިކޯގެ މައްޗަށް 2 މެޗްގެ ލީޑެއް


ބިލީ ޖީން ކިންގް ކަޕްގެ ޕްލޭ އޮފްގައި އިނގިރޭސިވިލާތުން މެކްސިކޯގެ މައްޗަށް ދެ މެޗްގެ ލީޑެއް ނަގައިފިއެވެ. މިގޮތުން އިނގިރޭސިވިލާތުގެ ހެދަރ ވޮޓްސަން އާއި ކެޓީ ބޯލްޓަރ ވަނީ އެދެކުޅުންތެރިންގެ މެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްފައެވެ.

ބޯލޓަރ އޭނާގެ މެޗް ކާމިޔާބުކުރީ މެކްސިކޯގެ މާސެލާ ޒަކަރިއާސް އާއި ބައްދަލުކޮށް ހަތެއް ފަހެއް އަދި ހައެއް ސުމަކުންނެވެ. އަދި ވޮޓްސަން އޭނާގެ މެޗް ކާމިޔާބުކުރީ ޖޫލިއާނާ އޮލްމޯސް އާއި ބައްދަލުކުރިމެޗް ހަތެއް ފަހެއް އަދި ހައެއް އެކަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ފަސް މެޗްގެ ތެރެއިން އެންމެ ގިނަ މެޗް ކާމިޔާބު ކުރާ ޓީމެއް މޮޅުވާގޮތަށް ހަމަޖެހިފައިވާ މި ޕްލޭ އޮފްގައި ބާކީ އޮތް ތިން މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދެވެ. މީގެތެރެއިން އެއްމެޗް އިނގިރޭސިވިލާތުން ކާމިޔާބު ކުރި ނަމަވެސް އެޓީމް މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މައި މުބާރާތަށް ކޮލިފައިވާނެއެވެ.

ބިލީ ޖީން ކިންގް ކަޕަކީ ކުރީގެ ފެޑް ކަޕަށް ކިޔާ އާ ނަމެވެ. މިއީ އަންހެން ޓެނިސް ކުޅުންތެރިންގެ މެދުގައި ކުޅޭ ބައިނަލް އަގްވާމީ ޓެނިސް މުބާރާތެކެވެ. އިނގިރޭސިވިލާތް ވަނީ މިމުބާރާތުގެ ފައިނަލްގައި ހަތަރު ފަހަރު ވާދަކޮށްފައެވެ. ނަމަވެސް އަދި މިހާތަނަސް މިމުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމުބާރަތުގައި ކުޅުނު ޕްލޭ އޮފް އެހެން މެޗްތަކަށް ބަލާލާއިރު ޔޫކްރެއިން އާއި ޖަޕާންގެ ކުރިމަތިލުން ދެމެޗުން ލީޑު ކުރީ ޔޫކްރެއިންއެވެ. އެއީ ދުނިޔޭގައި ފަސްވަނައަށް ސީޑް ކުރެވިފައިވާ އެލީނާ ސްވިޓޮލީނާ އާއި ޗިހީރޯ މުރަމަޓްސޫ ބައްދަލުކުރިމެޗް ހައެއް ތިނެއް އަދި ހައެއް ދެއަކުން ސްވިޓޮލީނާ ކާމިޔާބުކޮށްފައިވާއިރު މާޓާ ކޮސްޓިޔުކް ވަނީ ޔޫކީ ނައިޓޯ އާއި ބައްދަލުކުރިމެޗް ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށްފައެވެ.

ކެނެޑާ އާއި ސަރބިއާގެ ޕްލޭއޮފްގައި ދޭއް ސުމަކުން ކުރީގައި އޮތީ ކެނެޑާއެވެ. އެއީ ރެބޭކާ މަރީނާ އައި ލޭލަރ އެނީ ފެނާންޑޭޒް އެދެކުޅުންތެރިންގެ މެޗް ކާމިޔާބުކޮށްފައިވުމުންނެވެ. ހަމައެއާއެކު އިޓަލީވިލާތުންވެސް ވަނީ ދެ މެޗްގެ ލިޑެއް ރުމޭނިއާ އާއި ދެކޮޅަށް ނަގާފައެވެ. އަދި ޕޯލަންޑާއި ބްރެޒިލްގެ ކުރިމަތިލުން އެކެއް އެކަކުން އެއްވަރުވެފައިވާއިރު ނެދަލަންޑްސް އާއި ޗައިނާގެ ކުރިމަތިލުންވެސް އޮތީ އެކެއް އެކެއްގައެވެ.