ކުޅިވަރު

119 ޕޮއިންޓާއެކު ޕޭސަރސްގެ މައްޗަށް ޖޭޒް ކުރި ހޯދައިފި


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ޔޫޓާ ޖޭޒް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 119 ޕޮއިންޓް 111 ޕޮއިންޓުންނެވެ.

މިމެޗްގައި ޖޭޒްގެ ރުޑީ ގޮބަރޓް ވަނީ އެޓީމަށް 13 ޕޮއިންޓް ހޯދައިދީ 23 ރީބައުންޑް ނަގާފައެވެ. އަދި ޕޭސަރސްގެ ޑޮމަންޓާސް ސަބޮނިސްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އައި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު 106 ޕޮއިންޓް 103 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 36 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. އަދި ކްލިޕަރސްގެ ޕޯލް ޖޯޖްވަނީ އެޓީމަށް 37 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ބްރޫކްލިން ނެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 115 ޕޮއިންޓުން ކަމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ 25 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ދިން ކެވިން ޑުރާންޓެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ 33 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާދިން މައިލްސް ބްރިޖެސްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 99 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކޮށްފައިވާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 107 ޕޮއިންްޓް 106 ޕޮއިންޓުން ކާމިޔަބުކުރީ ބްލޭޒަރސްއެވެ. މެމްފިސް ގްރިޒްލީސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 115 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބުކޮށްފައިވާއިރު ވޮޝިންގޓަން ވިޒަޑްސްއާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ.