ޚަބަރު

ރަމަޞާން މަހު މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން އިސްރާއީލުގެ ގިނަ ހުރަސްތަކެއް


މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި ރަމަޟާން މަހު އަޅުކަންކުރަން ބޭނުންވާ މުސްލިމުންނަށް އިސްރާއީލުން އެކި ހުރަސްތައްކޮށް ދުއްތުރާކޮށްފިއެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިން ދަތުރުކުރި ގިނަ ޢަދަދެއްގެ މީހުންނަށް ޤުދުޞަށް އެތެރެވުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. އިސްރާއީލުންވަނީ ކޯވިޑް-19 ވެކްސިން ޖަހާފައިނުވާ މީހުން ޤުދުޞަށް އެތެރެ ނުވެވޭނެކަމަށް ނިންމައިފައެވެ. ހުޅަނގު އައްސޭރީގައި ހިމެނޭ ބައިތުލްލަޙްމާއި ރާމަﷲފަދަ އަވަށްތަކުން ޤުދުސަށް ދިޔަ މީހުން ވެކްސިން ޖަހާފައިވޭތޯ ބެލުމަށް އިސްރާއީލުންވަނީ ގިނަ ޢަދަދެއްގެ މަގުހުރަސްތަކެއް ޤާއިމުކޮށްފައެވެ. އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ލިބުނު ނަމަވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގިނަ މީހުންނަށް ކޯވިޑް-19ގެ ވެކްސިން ލިބިފައެއް ނުވެއެވެ.

މަސްޖިދުލް އަޤުޞާގައި އިމާމުވެ ހުކުރު ނަމާދުކުރައްވާ އިކުރިމާ ޞަބްރީ ވިދާޅުވީ ކޯވިޑް-19 ޙުއްޖަތަކަށް ބޭނުންކޮށްގެން މިސްކިތާ ގުޅޭ ކަންކަމަށް އިސްރާއީލުން ބާރުފޯރުވަމުންދާކަމަށެވެ. ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޤުދުސްގެ އަލްބަލްދަތުލް ޤާދީމާވަނީ އިސްރާއީލުން އަސްކަރީ މަރުކަޒަކަށް ހަދާފައިވާކަމަށެވެ.

އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް އެހީތެރިނުވުމުން އެ ޤައުމަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އިސްރާއީލުގައި ބާކީވެފައިވާ ވެކްސިންގެ ޑޯޒުތައް ފަލަސްޠީނުގެ ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި އެ ޤައުމުންވަނީ އެހެން ޤައުމުތަކަށް ފޮނުވައިފައެވެ.