ޚަބަރު

ވަޢުދުފުއްދަވަން ބައިޑަން ފަސްޖެހިވަޑައިގަތުމުން ހިޖުރަވެރިންގެ އުންމީދު ފެނަށް


އެމެރިކާއަށް އަންނަ އަހަރު އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު 15،000އަށްވުރެ އިތުރު ނުކުރުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ. އެއީ އަހަރެއްގެ މައްޗަށް ހިޖުރަވެރިން އެމެރިކާއަށް އެތެރެވެވޭނެކަމަށް މިހާތަނަށް ނިންމާފައިވާ އެންމެ ދަށް ޢަދަދާ އެއްވަރު ޢަދަދެކެވެ.

ބައިޑަންގެ ނިންމެވުން އައިސްފައިވަނީ ގިނަ ޢަދަދެއްގެ ބަޔަކު އެމެރިކާއަށް ހިޖުރަކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ހިޖުރަވެރިންގެ މައްސަލަ ޙައްލުކުރެއްވުމުގެ މަސްޢޫލިއްޔަތު ނައިބު ރައީސް ކަމާލާ ހެރިސާ ބައިޑަންވަނީ ޙަވާލުކުރައްވައިފައެވެ. އެމެރިކާއަށް އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު އިތުރުނުކުރަން ނިންމާފައިވަނީ އެ ޤައުމުން ހިޖުރަވެރިން ބަލައިގަންނާނެކަމުގެ އިޝާރާތްތަކެއް ދިނުމުން އެތައް ހާސް ބަޔަކު އެ ޤައުމުގެ ދެކުނުގެ ސަރަޙައްދީ ރޮނގަށް ޖަމާވެފައިވަނިކޮށެވެ.

މީގެ ކުރިން ބައިޑަންވަނީ އަހަރަކު 62،500 މީހުންނަށް އެމެރިކާއަށް ހިޖުރަކުރެވޭނެކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ކަނޑައަޅުއްވާފައިވާ ޢަދަދު ބަދަލު ނުކުރެއްވުމަށް ބައިޑަން ނިންމެވުމުން ހިޖުރަވެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ވެރިކަންކުރާ ޑިމޮކްރެޓިކު ޕާޓީގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ ނުރުހުންވަނީ އޭނާއަށް އަމާޒުވެފައެވެ.

ބައިޑަން ސޮއިކުރައްވާ ނެރުއްވި ރިޔާސީ ޢަމުރުގައި ހިޖުރަވެރިންނަށް އެމެރިކާއަށް އެތެރެވެވޭނެ ޤައުމުތައް ނިޞްބަތްވާ ސަރަޙައްދުތައްވަނީ އިތުރުކުރައްވައިފައެވެ. އެގޮތުން އެފުރިކާގެ ޤައުމުތަކަށް 7،000 ޖާގައާއި އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް 1،000 ޖާގައާއި ވިލާތަށާއި މެދުތެރޭ އޭޝިޔާގެ ޤައުމުތަކަށް 1،500 ޖާގައާއި މެދުތެރޭ އެމެރިކާއަށާއި ކެރީބިއަންގެ ޤައުމުތަކަށް 1،500 ޖާގައާއި ނިނަރ އީސްޓާއި ދެކުނު އޭޝިޔާގެ ޤައުމުތަކަށް 1،500 ޖާގައާއި ވަކި ސަރަޙައްދަކަށް ނިޞްބަތްނުވާ ޤައުމުތަކަށް 1،000 ޖާގަވަނީ ހަމަޖައްސަވައިފައެވެ.

15،000 ޖާގަ އެއްކޮށް ދޫކުރާނެކަމަށާއި އެ ޢަދަދު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ޤާނޫނުހަދާ މަޖިލީހާ މަޝްވަރާ ކުރާނެކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ފުރިހަމަކޮށް އެމެރިކާއަށް އެތެރެވުމުގެ އިންތިޒާރުގައި ގާތްގަނޑަކަށް 35،000 މީހުން ތިއްބައި އެ ޢަދަދު 15،000ގައި ދެމެހެއްޓުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ހިޖުރަވެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.