ޚަބަރު

ދެކުނު ކޮރެޔާގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް، ބޮޑުވަޒީރުގެ މަޤާމަށް އައު ބޭފުޅެއް


ދެކުނު ކޮރެޔާގެ ސަރުކާރަށް ރައީސް މޫން ޖައެ-އިން ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. އޭނާ އެ ފިޔަވަޅުތައް އެޅުއްވީ އެ ޤައުމުގެ އެންމެ ބޮޑު ދެ ސިޓީއަށް މޭޔަރުން ޢައްޔަނުކުރުމަށް މީގެ ހަފުތާއެއް ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާގެ ސިޔާސީ ޕާޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުމުންނެވެ. އެ އިންތިޚާބަކީ 2022ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އޭނާގެ ޕާޓީއަށް އޮތް ތާޢީދު ދައްކުވައިދިން އިންތިޚާބެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޗަންގް ސޭ-ގުޔުންގެ ބަދަލުގައި އެ މަޤާމަށް ޢައްޔަނުކުރުމަށް ނިންމަވާފައިވަނީ ކުރީގެ ދާޚިލީ ވަޒީރު އަދި ހަތަރު ފަހަރެއްގެ މަތިން ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގިމް ބޫ-ގުޔަމެވެ. އޭގެ އިތުރުން ހަ ވުޒާރާއަކަށް އައު ވަޒީރުން ޢައްޔަނުކުރުމަށްވެސްވަނީ ހުށަހަޅުއްވައިފައެވެ. އެ ހަ ބޭފުޅުންނަށްވެސް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދާނެއެވެ. ނަމަވެސް އެ ބޭފުޅުން ޢައްޔަނުކުރުމަށް ރައީސް ބޭނުންފުޅުވާނަމަ ޤާނޫނުހަދާ މަޖިލީހަށް އެކަމަކަށް ހުރަހެއް ނޭޅޭނެއެވެ.

ފާއިތުވި މަސްތަކުގައި މޫން ޖައެ-އިންއާއި އޭނާގެ ޕާޓީއަށް އޮންނަ ތާޢީދުވަނީ ކުޑަވާން ފަށައިފައެވެ. އޭގެ މައިގަނޑު ސަބަބަކީ ގެދޮރުގެ އަގު އުފުލުމާއި ތަފާތުކުރުން އިތުރުވުމާއި ސަރުކާރުގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވުމާއި އުތުރު ކޮރެޔާއާއެކު އޮންނަ ގުޅުން ގޯސްވުމެވެ.