ޚަބަރު

ތައިލެންޑުގެ ޙާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަކޮށްފި


ތައިލެންޑުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފިއެވެ.

ތައިލެންޑުގައި މިހާތަނަށް 39،038 މީހުންނަށް ކޯވިޑް-19 ޖެހި 97 މީހުންވަނީ ބަލީގައި މަރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ފަސް ފަހަރެއްގެ މަތިން ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 1،585 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ ބަލިމަޑުކަން ފެތުރެން ފެށީއްސުރެ އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.

ތައިލެންޑުން ޢަމަލުކުރާ ޤަވާއިދުގެ ދަށުން ކޯވިޑް-19 ޖެހޭ ކޮންމެ މީހަކުވެސް ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހެއެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން ހަސްފަތާލުތަކަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ބަލިޖެހޭ އެންމެންނަށް ފަރުވާދޭން ހަސްފަތާލުތަކުގައި ޖާގަ ނެތުމުން ތައިލެންޑުގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިޖުތިމާޢީ މަރުކަޒުތަކާއި ޖިމުތަކުގައި ވަގުތީ ޞިއްޙީ މަރުކަޒުތައްވަނީ ޤާއިމުކޮށްފައެވެ. އެފަދަ ތަންތަނުގައި 20،000 އެނދުވަނީ ބަހައްޓައިފައެވެ. ބަލީގެ ޢަލާމާތެއް ނެތް މީހުން ބައިތިއްބަނީ ހޮޓާތަކުގައެވެ. އެގޮތުން 23 ހޮޓަލެއްގައި 5،000އަށްވުރެ ގިނަ އެނދު ބަލިމީހުންނަށްވަނީ ޚާއްޞަކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ހޮޓާތަކުގައި އިތުރު 7،000 އެނދު ތައްޔާރުކުރާނެކަމަށް ތައިލެންޑުން ބުނެއެވެ.

ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ތައިލެންޑުގެ ސަރުކާރުންވަނީ ބައެއް ކެފޭތަކާއި ވިޔަފާރި މަރުކަޒުތައް ބަންދުކުރުމަށް އަންގައިފައެވެ. ކުރިއަށްއޮތް ދެ ހަފުތާގެ މުއްދަތަށް އެ ޤައުމުގެ މަދަރުސާތައް ބަންދުކުރުމަށްވެސްވަނީ ނިންމައިފައެވެ. އަދި 50 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުންވެސްވަނީ މަނާކޮށްފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކު ހިމެނޭގޮތަށް 18 ޕުރޮވިންސެއްގައި އަޅާފައިވާ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. އެ ޕުރޮވިންސުތަކުގައި ހުންނަ ރެސްޓޯރަންޓުތަކާއި ފިހާރަތައް ބަންދުކުރާ ގަޑިތައްވަނީ އަވަސްކޮށްފައެވެ.