ވިޔަފާރި

ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އެހީއަކަށްވާނެ: ވޯލްޑް ބޭންކް


ކޯވިޑް19 އަށްފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ރަނގަޅަށް ބައްޓަންކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އެހީއަކަށް ވާނެކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

"ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން" ރިޕޯޓްގައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ޚިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޮވިޑް-19ގެ ކާރިޡާގެ ތެރޭގައި ބާރުވެފައިކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާ ކަމަށް 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިޞްބަތްވާ ދެކުނު އޭޝިއާ އަދި މި ޞަރަހައްދުން ބޭރުންވެސް ރާއްޖެ ފަދަ ޤައުމުތަކަށް ވުރެ މަތީ އަދަދެކެވެ. ޚާއްޞަކޮށް އަތޮޅުތެރޭގައި ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދިނުމުގައާއި ކާރިޡާތަކުން އަރައިގަތުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް ގިނަކަމަށް ވަނީ ބުނެފައެވެ.

ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންނަށްވެސް ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު އޮތީ ރަނގަޅު ހާލަތަކަށް އަނބުރާ އައުމުގެ މަގުމަތީގައެވެ. ކާމިޔާބު މާކެޓިން ކެމްޕެއިންތަކާއި ފަސޭހަކަމާއެކު ރާއްޖެ އެތެރެވެވޭ ގޮތަށް އިންތިޒާމްތައް ރާވާފައި އޮތުމުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 300،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަހަރު 1 މިލިއަން ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދު މި އަހަރު ކުރިއަރާނީ 17.1 އިންސައްތައިގައި ކަމަށް ވާލްޑް ބޭންކުން އަންދާޒާކުރެއެވެ.