ވިޔަފާރި

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ޤަވައިދާއި ޙިލާފަށް މަސްވެރިކަން ކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ


ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ޤަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާމެދު، ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިން ބުނެފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބެމުންދާކަމަށެވެ. މިގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައި ހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމަށް އެ އެޖެންސީން ބުނެއެވެ.

ޤަވާއިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައްވެސް އީޕީއޭއަށް ލިބެމުން އަންނަކަމަށް އެ އެޖެންސީން ބުނެއެވެ. އެހެންކަމުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ޤާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަޙައްދުގެ ދިރުންތަކާއި މާޙައުލުތައް ރައްކާތެރިކުރުމާއެކު އެސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި އެކު ރައްކާތެރިކުރުމަށް ޙިމާޔަތްކުރެވޭ ސަރަޙައްދުތަކެކެވެ. އަދި މިފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފުމަކީ ކަންބޮޑުވާކަމެއްކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.