ވިޔަފާރި

ސައުތުކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވެބިނާއަކާއި ވާޗުއަލް ރޯޑްޝޯއެއް


އެމްއެމްްޕީއާރުސީން ސައުތު ކޮރެއާގެ ޓްރެވަލް ޓްރޭޑަށް އަމާޒުކޮށް ވެބިނާއަކާއި ވާޗުއަލް ރޯޑް ޝޯވއެއް ބާއްވައިފިއެވެ.

މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މިމަހުގެ 14އިން 15އަށް ބޭއްވި މި ދެ އިވެންޓުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސައުތު ކޮރެއާގެ ޓްރަވަލް ޓްރޭޑާއި ހިއްސާކުރުން ކަމަށެވެ. އަދި ޓްރަވަލް ޓްރޭޑާއި ގުޅުން ބަދަހިކޮށް ރާއްޖެ ރައްކާތެރި އަދި ފަތުރުވެރިން އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުންކަމަށެވެ.

މިދެއިވެންޓުވެސް ބާއްވާފައިވަނީ އެމްއެމްޕީއާރުސީގެ އިވެންޓު މެނޭޖްމެންޓު ޕްލެޓްފޯމްކަމުގައިވާ "މައި ވަރޗުއަލް މޯލްޑިވްސް" ގައެވެ. މި ޕްލެޓްފޯމް ޚިޔާރުކުރެވިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑިއަންސް އެންގޭޖްކޮށް ނެޓްވޯކް ކުރެވޭނެ ފަދަ ތަފާތު ހަރަކާތްތަކެއް ބޭއްވޭ ފެންވަރަށެވެ. މިގޮތުން ވަރޗުއަލް އެގްޒިބިޝަން އާއި ރޯޑުޝޯ، ވެބިނަރ، ޓްރެއިނިންގް އަދި އެހެނިހެން ލައިވް މަރކެޓިންގް ހަރަކާތްތައް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭއްވޭނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ކޮރެއާގެ ޓްރަވަލް ޓްރޭޑަށް ހާއްސަކޮށްގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ވެބިނާ ކުރިއަށް ގެންގޮސްފައިވަނީ ކޮރެއާ ބަހުންނެވެ. މި ވެބިނާގައި ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ފައިދާއާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ރާއްޖޭގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި އިވެންޓްގެ ބައިވެރިންގެ ފަރާތުން ކުރެވުނު ސުވާލުތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެވުމުގައި ބަލާ މިންގަނޑުތަކާއި، ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ ސުވާލުތައް ހިމެނޭ ކަމަށާއި، މިސުވާލުތަކުން، ބައިވެރިންގެ މެދުގައި ރާއްޖެއަށް ދަތުރު ކުރުމަށް ޝައުގުވެރިކަން އުފެދިފައިވާކަން ފާހަގަވެގެންދިޔަކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ވެބިނާއަށްފަހު ބޭއްވި ވާޗުއަލް ރޯޑް ޝޯގައި ސައުތުކޮރެއާގެ ޓްރަވަލް ޓްރޭޑް ޕާޓްނަރުން ބައިވެރިވެފައިވެއެވެ. މި ރޯޑްޝޯގައި އެމްއެމްޕީއާރުސީ އާއި އެކު ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލޭންޑް، ޑަބްލިއު މޯލްޑިވްސް، ކްރޮސް ރޯޑްސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ޕާފެކްޓް ވޮރޭޖް، ސްޕްރެންޑިޑް އޭޝިއާ އިން ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުން ވަނީ ޓްރަވަލް ޓްރޭޑާއި ގުޅުން ބަދަހިކޮށް އެފަރާތްތަކުގެ ޕްރޮޑްތަކާއި ހިދުމަތްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ސައުތު ކޮރެއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި އަހަރު ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް ސައުތުކޮރެއާއިން 162 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 2019 ވަނަ އަހަރު ސައުތުކޮރެއާއިން 36,609 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ސައުތުކޮރެއާއަކީ އޭރު ރާއްޖެއަށް 12 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ.