ޚަބަރު

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވާނެކަމުގެ ޔަޤީންކަން އެބައޮތް: ޝާހިދު


އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކުރުމަށް ވަރަށް ގިނަ ޤައުމުތަކަކުން އެއްބާރުލުންދެމުން އަންނަކަމަށާއި، އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަާހިދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއްދެއްވީ ހީނަރުވެފައިވާ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެތައް ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރުމާއި، ކޮމަންވެލްތާއި އަލުން ރާއްޖެއިން ގުޅުން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އދ.ގެ ޢާންމު މަޖިލީހަށް ރާއްޖެއިން އިންތިޚާބުވުމަށް ކުރާ މަސައްކަތަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއާއި، ސަޢުދި ޢަރަބިއްޔާއިން ތާޢީދުކުރާނެކަން މީގެ ކުރިން ހާމަކުރައްވާފައިވާއިރު، މިނިސްޓަރ ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި 7 ގައުމެއްގެ އެމްބެސެޑަރުންނާ ބައްދަލުކުރައްވާފައެވެ.

އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އެކި ޤައުމުތަކާއި، ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށާއި، އެގޮތުން އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އަލްޖީރިއާ، މޮރޮކޯ، ސެނެގަލް، ޓިއުނީޝިއާ، ޔުގެންޑާ، ޒެމްބިއާ، ރުވަންޑާ، ގިނީ އަދި ނަމީބިއާ ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުގެ އިސް މަންދޫބުންނާއިވެސް މިނިސްޓަރ ބައްދަލުކުރައްވާފައިވާއިރު، އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ސައިޕްރަސް، އަޔަލެންޑް، މާލްޓާ، ސްވެޑެން، ޑެންމާކް، އައިސްލޭންޑް އަދި ޕޯޖުގަލް ހިމެނެއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.