ޚަބަރު

ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި


ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ޢާންމުކުރާ ހަފްތާގެ މާލީ ތަފާސް ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ. އެއީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ %5 އެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 415.3 މިލިއަން ރުފިޔާއެވެ.

ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް ދީފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.

ކައުންސިލްތަކަށް މާލީ ގޮތުން ދިން ބާރުވެރިކަން ދިނުމަށްފަހު، ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހާއެކު ކައުންސިލަރުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި ޤާނޫނު އަސާސީއަށް ގެނައި އިޞްޅަހާއެކު ކައުންސިލަރުންގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ.