ޚަބަރު

ތިން ވޯޓު ފޮއްޓެއް މިރޭ އަލުން ގުނަނީ


3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މ.މުލައް، މ.މުލި އަދި ފ.ނިލަންދޫ ވޯޓު ފޮއްޓެވެ. އެ ތިން ވޯޓު ފޮށި އަލުން ކަނޑާ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް ވޯޓު ފޮށި ކަނޑާނެ ވަކި ގަޑިއެއް އަދި އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ. އެ ތިން ވޯޓުފޮށި ކަނޑާ އަލުން ވޯޓު ގުނުމަށްފަހު މާދަމާގެ ނިޔަލަށް ވަގުތީ ނަތީޖާ އިޢުލާންކޮށް ނިންމާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކުރިން 18 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް ނިންމެވިކަމަށެވެ. ނަމަވެސް ސެކިއުރިޓީ އުރަ ނުކަނޑާ، ގުނާ ޝީޓް ނަގައިގެންނާއި، ކައުންޓާ ފޮއިލް ބަލައިގެންނ،ް އެ ފޮށިތަކުގެ ނަތީޖާ ބެލުމަށްފަހު އެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ޢިޢުލާންކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާއި ޤައުމީ ލަފާދޭ ކޮމިޓީން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމުގައި އެކި ވޯޓުފޮށިތަކުގެ ވެރިން ޢަމަަލުކޮށްފައިވަނީ އެކިގޮތަށްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތަށް ދިމާވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އޮފިޝަލުންނަށް އެންމެ ރަނގަޅަށް ތަމްރީން ދެވިފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. ރޭގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ އިންތިޚާބާއި ގުޅިގެން ހުށައަލާފައިވާ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މާދަމާ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމެވުމަށްފަހުއެވެ.

ތިން ވޯޓު ފޮއްތެއް ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު، އިންތިހާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުގައި މައްސަލަތަކެއް ހުރެގެން އިލެކްޝަންސް ކޮމިޝަނުންވެސް ދަނީ އެމައްސަލަ ބަލަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތައްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން މިޝަކުވާތައް ބަލައި ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.