ޚަބަރު

އެމެރިކާ ސިފައިން ބާލާނެކަން އިޢުލާނުކޮށްފައިވަނިކޮށް ބުލިންކެން އަފްޣާނިސްތާނަށް


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން އަފްޣާނިސްތާނަށް ކުއްލި ދަތުރެއް ކުރައްވައިފިއެވެ. އޭނާ އަފްޣާނިސްތާނަށް ވަޑައިގެންފައިވަނީ އެ ޤައުމުގައި ތިބި އެމެރިކާގެ ސިފައިން ބާލާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކުރުމަށްކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާނު އަޅުވެތިކުރީ މީގެ 20 އަހަރު ކުރިންނެވެ. އަފްޣާނިސްތާނުގައި ކުރާ ހަނގުރާމައަކީ އެމެރިކާއިން މިހާތަނަށް ކުރާ އެންމެ ދިގު ހަނގުރާމައެވެ. ބައިޑަން ވިދާޅުވީ އެމެރިކާއިން އަފްޣާނިސްތާނުގައި ޙާޞިލުކުރަން ބޭނުންވަނީ ކޮންކަމެއްކަން މިހާރު އޮޅިފައިވާކަމަށާއި ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެންނަވާނެކަމަށެވެ. އެމެރިކާގެ ނިންމުމާއެކު ނޭޓޯއިންވެސްވަނީ އަފްޣާނިސްތާނުގައި ތިބި އެ އިއްތިޙާދުގެ ފައުޖުތައްވެސް ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ބޭލުމަށް ނިންމައިފައެވެ.

އަފްޣާނިސްތާނަށް ބުލިންކެން ދަތުރުކުރެއްވީ ބެލްޖިއަމްގެ ބުރަސެލްސްގައި ނޭޓޯގެ މެންބަރު ޤައުމުތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހުއެވެ. އަފްޣާނިސްތާނަށް ވަޑައިގަންނަވާ ބުލިންކެންވަނީ އެ ޤައުމުގެ ރައީސް އަޝްރަފް ޣާނީއާ ބައްދަލުކުރައްވައިފައެވެ.

އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ބޭލި ނަމަވެސް އެ ޤައުމަށް އެހީތެރިވުމުގައި އެމެރިކާއިން ދެމިތިބޭނެކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވައިފައެވެ. އަދި އަފްޣާނިސްތާނުގެ ސަރުކާރާއި އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެމެދު ޞުލްޙަ ޤާއިމުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެމެރިކާއިން ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަތުރާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބުލިންކެން ވިދާޅުވީ އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެމެރިކާއިން މެދުނުކެނޑި މަސައްކަތްކުރާނެކަމަށެވެ. އަދި އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ފައުޖުތަކަށް ޢަމާޒުކޮށް ޠާލިބާނު ޖަމާޢަތުން ޙަމަލާ ދީފިނަމަ އޭގެ ބަދަލުގައި ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް އޭނާވަނީ ދެއްވައިފައެވެ.