ޚަބަރު

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި


ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފިއެވެ.

ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެމެރިކާއިން އަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެ ޤައުމުން ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރުމާއި އިންޓަނެޓު މެދުވެރިކޮށް އެމެރިކާއަށް ޙަމަލާތަކެއް ދިނުމާއި ޔޫކުރެއިނަށް ބިރުދެއްކުމާއި ދަތިކުރުންފަދަ ޢަމަލުތަކާ ގުޅިގެންނެވެ.

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ބައެއް ކުންފުނިތައް ބުލެކުލިސްޓުކުރުމާއި އެމެރިކާގައި ތިބި ރަޝިޔާގެ ބައެއް ޚާރިޖީ މުވައްޒަފުން އަނބުރާ ޤައުމަށް ފޮނުވައިލުމާއި ރަޝިޔާގެ މަރުކަޒީ ބެންކާއި ނޭޝަނަލް ވެލްތު ފަންޑާއި މާލީ ވުޒާރާތަކުން އެމެރިކާގެ ބެންކުތަކުން ސޮވެރައިން ބޮންޑުގަތުން މަނާކުރުން ހިމެނެއެވެ. އަދި އިތުރު ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާކަމުގެ އިންޒާރުވެސް އެމެރިކާއިންވަނީ ރަޝިޔާއަށް ދީފައެވެ. ނަމަވެސް ޙާލަތު އިތުރަށް ގޯސްކުރުމަށް އެމެރިކާއިން ބޭނުންނުވާކަމަށްވެސް އެ ޤައުމުންވަނީ ބުނެފައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން ރަޝިޔާއިންވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ރަޝިޔާއިންވަނީ އެ ޤައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ހާޒިރުކޮށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާއިންވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް އަންގައިފައެވެ.

އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވައި އެ ޤައުމުގެ ސަރުކާރުގެ ވިއުގަތަކަށް އިންޓެނެޓު މެދުވެރިކޮށް ޙަމަލާތަކެއް ދިނުމާއި ރަޝިޔާގެ އިދިކޮޅު ސިޔާސީވެރިޔާ އެލެކްސީ ނަވަލްނީއަށް ޒަހަރުދީފައިވާކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކަށް ރަޝިޔާއިން އިންކާރުކުރެއެވެ. އެ ތުހުމަތުތަކާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންއާ އޭޕުރިލް މަހުގެ 13ވަނަ ދުވަހު ވާހަކަ ދައްކަވައިފައެވެ.

އޭގެ އިތުރުން ޔޫކުރެއިނާއި ރަޝިޔާއިން ޙިއްޞާކުރާ ސަރަޙައްދީ ރޮނގަށް ރަޝިޔާގެ އަސްކަރީ ފައުޖުތައް ޖަމާކުރުމުން އެކަމާ ގުޅޭގޮތުންވެސް ބައިޑަންވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްވެސް ބައިޑަންވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ބައްދަލުވުންތަކެއް ބޭއްވުމަށް އުނދަގޫވާނެކަމަށެވެ.