ޚަބަރު

އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުން ރަނގަޅުކުރުމަށް ޔޫއޭއީން އެހީތެރިވަނީ


އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ޔޫއޭއީން އެހީތެރިވަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

އިންޑިޔާއާއި ޕާކިސްތާނުގެ ޖާސޫސީ އިސްވެރިންވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ދުބާއީގައި ސިއްރު ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެ ބައްދަލުވުންތަކުގެ ބޭނުމަކީ ކަޝްމީރު ސަރަޙައްދާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމެވެ.

އެމެރިކާގައި ހުންނަ ޔޫއޭއީގެ ޚާއްޞަ މަންދޫބު ޔޫސުފް އަލްޢުތައިބާ ވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގައި ޔޫއޭއީން މުހިންމު ދަޢުރެއް އަދާކޮށްފައިވާކަމަށެވެ. އިންޑިޔާއާއި ޕާކިސްތާނުގެ ދެމެދުގައި ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ މެދުވެރިއަކަށްވުމަށް ޔޫއޭއީން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމުގައި ދެ ފަރާތުން ވާހަކަދައްކައި މަޝްވަރާކުރެވޭފަދަ މާހައުލެއް ޤާއިމުކުރުމަށް ޔޫއޭއީން ބޭނުންވާކަމަށްވެސް އެ ޤައުމުން ބުނެއެވެ.

2019ވަނަ އަހަރުގެ ތެރޭގައި ކަޝްމީރުގައި ޙަރަކާތްތެރިވާ އިންޑިޔާގެ އަސްކަރީ އުޅަނދުތަކަކަށް ޕާކިސްތާނުގެ ހަނގުރާމަވެރިން ޙަމަލާދިނުމުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންވަނީ ގޯސްވެފައެވެ. އެ އަހަރުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ އިންޑިޔާގެ ޤާނޫނުއަސާސީގެ ދަށުން ކަޝްމީރަށް ލިބޭ ޚާއްސަ އިމްތިޔާޒުތައް އުވާލައްވައިފައެވެ. އެ ނިންމުމުގެ ސަބަބުން ޕާކިސްތާނުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި ޚާރިޖީ ގުޅުންވަނީ ހަނިކޮށްފައެވެ.

ކަޝްމީރުގެ މައްސަލައަކީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ޒަމާންވީ މައްސަލައެކެވެ. ކަޝްމީރުގެ މައްސަލާގައި 1947 ވަނަ އަހަރުގެ ފަހުން އިންޑިޔާއާއި ޕާކިސްތާނުންވަނީ ތިން ހަނގުރާމައެއް ކޮށްފައިވެއެވެ. އދންވެސް ވަނީ އެ މައްސަލަ ޙައްލުކުރުމަށް އެކިފަހަރުމަތިން މަސައްކަތްކޮށްފައެވެ.