ޚަބަރު

ނަންބަރު ޕްލެޓް ހަދަން ހަވާލުކުރި އެއްބަސްވުމަށް ޢަމަލު ނުކުރާތީ ގެއްލުންވާކަމަށްބުނެ މައްސަލަ މަޖިލީހަށް


ރާއްޖޭގައި ދުއްވާ ހުރިހާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލެޓް ބަދަލުކުރުމަށް ވަސާޖިއޯ ކުންފުޏްނާއެކު ޓްރަންޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ އެއްބަސްވުމަށް ޢަމަލުނުކުރާތީ ގެއްލުންވަމުންދާކަމަށް ބުނެ އެކުންފުނިން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ، ހަވާލުކުރީ ގޯސްކޮށްކަމަށާ، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭތީ އެމަސައްކަތް މަޑުޖައްސާލުމަށް ޓްރާންޕޯޓް މިނިސްޓްރިއަށް އޭޖީއޮފީހުން ވަނީ އަންގަވާފައެވެ. އޭޖީ އޮފީހުންވަނީ ވަސާޖިއޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އެ އެއްބަސްވުން މިހާތަނަށްވެސް އުވާލާފައި ނުވުމުގެ ސަބަބުން ދައުލަތުން ވަސާޖިއޯއަށް ބޮޑު ބަދަލެއް ދޭންޖެހިދާނެކަަމށް ވަނީ ބެލެވިފައެވެ. ވަސާޖިއޯއިން ވަނީ ނަންބަރު ޕްލެޓް ހެދުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމުގެސަބަބުން އެކުންފުންޏަށް ގެއްލުންވަމުންދާކަމަށް ބުނެފައެވެ.

ވަސާޖިއޯއާއެކު ޓްރާންސްޕޯޓް މިނިސްޓްރީންވީ އެއްބަސްވުން ބާޠިލްކޮށް، މަސައްކަތް އަލުން އެވޯޑުކޮށްގެން ކުރިއަށް ގެންދަން ކަމާބެހޭ އިދާރާތަކުން ވަނީ ޓްރާންޕޯޓް މިނިސްޓްރީއަށް އަންގަވާފައެވެ. އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ މައްސަލަ އޭސީސީންވެސް އަންނަނީ ބަލަމުންނެވެ.

އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލެޓް ނުވަތަ މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދައިދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންދާސީހިސާބު ހުށަހަޅަން ހުޅުވާލީ ޑިސެމްބަރު، 31، 2019ވަނަ އަހަރުއެވެ. އަދި އެ އަންދާސީ ހިސާބަށް ތިން ކުންފުންޏަކުން ކުރިމަތިލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަސާޖިއޯއާއި، ޑޮނާޑް އިންވެސްޓްމެންޓްގެ އިތުރުން ބޯދަ ޕްރައިވެޓް ލިމިޓެޑެވެ.

ނަންބަރު ޕްލެޓްހަދައިދިނުމަށް އެންމެ ބޮޑު އަގެއް ހުށައެޅީ ވަސާޖިއޯއިންކަމަށް މަޢުލޫމާތު ލިބެއެވެ. ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނިން ހުށައަޅާފައިވަނީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާއެވެ. އެހާ ބޮޑު ޢަދަދެއް އެކުންފުނިން ހުށައަޅާފައިވަނީ އެއީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެވަނަ ފަހަރަށް ނަންބަރު ޕްލެޓް ހަދަންޖެހުނު ނަމަވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންކަމަށް މިހާތަނަށް ޢާންމުވެފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.

ވަސާޖިއޯއާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީސް އަދި ފިނޭންސް މިނިސްޓްރީންވެސް އަންގާފައި އޮތްނަމަވެސް މިހާތަނަށް އާއިރުވެސް އެއްބަސްވުން ބާޠިލްނުކޮށް އަދި އެކުންފުނީގެ މަަސައްކަތްތައް ހުއްޓުވާފައި އޮތުމުގެ ސަބަބުން ގެއްލުންވަމުންދާކަމަށް ވަސާޖިއޯއިން ވަނީ ބުނެފައެވެ.

އެ މަސައްކަތްތައް ހުއްޓުވީ ނަންބަރު ޕްލެޓްތައް ހަދަން ބޭނުންވާ މެޝިނަރީތައްވެސް ރާއްޖެ ގެނައި ފަހުންކަމަށްވެސް ވަސާޖިއޯއިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުންފުންޏަށް ގެއްލުންވަމުން އަންނާތީ އެކި ފަހަރުމަތިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ސިޓި ފޮނުވައިގެންވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ، އެމައްސަލަ މަޖިލީހަށް ހުށައެޅުމަށް ނިންމީކަމަށް ވަސާޖިއޯ އިން ބުންޏެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނު ނުނަގާތީ އެމިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ.

ނަންބަރު ޕްލެޓްތައް ބަދަލުކުމުގެ މަސައަކަތް ކުރުން ލަސްވަމުންދާއިރު، ރާއްޖޭގައި ދުއްވާ 120،000 އުޅަނދެއްހެ ނަންބަރު ޕްލެޓް ބަދަލުކުރަންޖެހެއެވެ. އޭގެ ތެރޭގައި 75،000 ސައިކަލުވެސް ހިމެނެއެވެ.