ޚަބަރު

ބީއެމްއެލް ކުޅުދުއްފުށީ އޭޓީއެމް ސެންޓަރުގެ ޚިދުމަތް އަލުންދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ. މިއޭޓީއެމްގެ ޚިދުމަތް އަލުން ފަށާފައިވަނީ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރއަކަށް ބަދަލުކުރުމަށްފަހުއެވެ. މިސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.

އެބޭންކުން ބުނީ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބޭނެ ކަމަށާއި މި ސެންޓަރ މެދުވެރިކޮށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިއާއެކު ކުޅުދުއްފުށީގައި ދެ، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މިވަނީ ގާއިމްކުރެވިފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.

ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫއާއި ގދ.ފަރެސްމާތޮޑާގައިވެސް މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ހުޅުވާފައެވެ.