ޚަބަރު

އެމްޑީޕީ އޮފީހަށް ހަމަލާދިން މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރާއި 36 އަހަރުގެ 3 ފިރިހެނުންކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފަވަނީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޙާބަށްފަހު 18 ފޮއްޓެއްގެ ނަތީޖާ ކަށަވަރުކުރުމަށް އެ ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރުމުން އިންތިޚާބީ މަރުކަޒުގައި އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާއި މެދު ހިނގި ހަމަނުޖަހުންތަކަށްފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެދުވަހު އިންތިޚާބީ މަރުކަޒަށް އެއްވެ އެތަނުގައި ގޯސް ހެދީ ޕީޕީއެމުންކަމަށެވެ. އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ ފުލުހުން އެސަރަހައްދަށް ގޮސްގެންނެވެ.