ފިނީގެ އަސަރު ކުރަމުން ދިއުމާއިއެކުވެސް އަހަރެންގެ ނިތްކުރިއާއި ނޭފަތްމަތިން ދިޔައީ ދަލުގެ އަސަރުތައް ފާޅުވަމުންނެވެ. އެހެންވެ ފަސްވަނަ ފަހަރަށް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި މޫނުގެ އެކި ދިމަދިމާގައި ޓިޝޫ ޖައްސާލުމަށްފަހު ކޮށްފައިހުރި މޭކަޕްގެ މަތިން، އަނެއްކާވެސް މަތިމަތިން މޭކަޕް ކޮށްލީމެވެ. ކޮޓަރީގެ އޭސީ ފުލްކޮށްފައި ހުއްޓަސް ދެންވެސް ދާހިއްލާނެކަން އެނގޭއިރުވެސް މެއެވެ. އެހެންވިޔަސް އެކަމަކަށް ފަރުވާލެއް ނެތެވެ. އެއީ ހިތުގެ ތެރޭގައި ކެކި އުތުރި އަރަމުން، އަނދަމުންދާ އުފާވެރިކަމުގެ ގިނީގެ އަސަރުތައްކަން އަހަރެންނަށް އެނގޭތީއެވެ.

މިރޭ ކިތަންމެ ވަރަކަށް ރީތިވާން ޖެހުނަސް އަހަރެން ރީތިވާނަމެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވާންއުޅޭ އަހަރެންގެ އަލަތު ފިރިމީހާ އަށްޓަކައިވެސް މެއެވެ. އަހަރެން ލައިގެން ހުރި ކައިވެނީގެ ހުދު ހެދުމަށް މަތިން ފަށައިގެން ތިރިޔަށް ނިކަން ރަނގަޅަށް ބަލައިލީމެވެ. ހެދުމާއިމެދު ވަަރަށް ހިތްހަމަ ޖެހެއެވެ. އަހަރެންގެ ގަޔަށް ހެޔޮވަރުކޮށް ފަހާފައިހުރި ހެދުން މާބޮޑަށްވެސް ހެޔޮވަރުވެފައި ރީތީއެވެ. އަހަރެންނަކީ ރީތި މީހަކަށް ނުވިޔަސް ކައިވެނީގެ އެހެދުމުގައި އަހަރެންގެ އައިބުތައް އެތައް ގުނައެއް ފޮރުވައިދީ ރީތިކަން އިތުރުކޮށްދީފައިވާ ކަހަލައެވެ. ހަޔާތުގެ ބައިވެރިޔަކު ހޯދުމުގައި އަހަރެންނަށް ކުރިމަތިވި ގޮންޖެހުންތަކާއި އަޑިގުޑަން ތަކާއި، ހަޔާތުގެ އެގަދަ ކަނޑުގައި އޮޔާއިދެކޮޅަށް އެތަށް ފަހަރަކު ފަތަން ޖެހުނެއްކަމަކު މިއަދު މަންޒިލަށް ވާސިލް ވެވުނުކަމުގެ ހިތްހަމަޖެހުން އަހަރެން މިދަނީ އިހްސާސް ކުރަމުންނެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟! އަހަރެންނަށް ލިބުނީ ފިރި ޖަވާހިރެކެވެ.

އަހަރެންގެ ލޯބީގެ މި ދާސްތާން އެންމެ އަސަރުގަދަ ލޯބީގެ ފިލްމަކަށްވެސް ދޫނުކުރާނެއެވެ. އެހަނދާންތައް އާވަމުން، އެހަނދާންތަކުގެ ތެރެއަށް ޣަރަޤުވަމުން ދިޔަ ވަރަކަށް އަހަރެންެގެ ތުންފަތަށް ދިޔައީ ރަކި އުފާވެރި ހިނިތުންވުމެއްގެ ލިސާނެއް ވެރިކުރުވަމުންނެވެ.
އެއީ މީގެ އަށް ވަރަކަށް މަސް ކުރިއެވެ. އަހަރެން މަސައްކަތް ކުރަމުންދިޔައީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގައެވެ. އެހެންކަމުން ރަށްރަށުގެ އިތުރަށް ރިސޯޓްތަކަށް ސަރވޭގެ މަސައްކަތްތަކުގައި ވަރަށް ގިނަ ފަހަރަށް އޮންނަނީ ދާން ޖެހިފައެވެ. މިވަޒީފާގައި އުޅޭތާ މިހާރު ތިން އަހަރާއި ބައި ފާއިތުވެގެން ދިޔައިރު ވަޒީފާއަށް ވަތްތާ ފުރަތަމަކޮޅު، އެގޮތަށް ފުރަފުރައިގެން ތަންތަނަށް ދިއުން އެއީ އަހަރެންނަށް ވަރަށް ބުރަހެލި ކަމަކަށް ވިޔަސް، ތަނަށް ހޭނި "ފެނަށް ދިރޭގޮތް ވުމުން" މިހާރު އެއީ އަހަރެން ކުރާހިތުން ކުރާ ކަމެކެވެ. ސަރވޭގެ މަސައްކަތުގައި އުޅޭއިރު އެކަމާއި ގުޅުންހުރި ފޮޓޯތައް ނެގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިމަސައްކަތުގެ ތެރެއިން ކުރިފަޅައި ގޮސް، ހިތްއެދޭ އެކި ނަޒާރާތަކުގެ މަންޒަރުތައްވެސް ނެގުމުގެ ޝައުޤުވެރިކަން އުފެދިގެންއައި މިންވަރަކީ، ފޮޓޯނެގުމަށް އެންމެފަހުގެ އެންމެ ޒަމާނީ ފެންވަރުގެ ކެމެރާއެއް އަހަރެން އަތުގައި އޮތުމެވެ.

ކިތަންމެ އަގުބޮޑަސް ބޭނުންކޮށްފައި އޮތް ކެމެރާއަކަށްވުރެ އަހަރެންނަށް ކަމުދިޔައީ އާރޯ ކަމަޅިމަތީ ކެމެރާއެކެވެ. ބައެއްފަހަރު އޮފީސްތެރޭގައި އަހަރެންނާއި ދިމާކޮށްލައިގެން އެޖަހާ ސަކަރާތް ހަނގާކުރުމަކަށް ބަދަލު ނުުވެ އޮންނަނީވެސް ހަމަ ކިރިޔަކިރިޔާއެވެ. އެފަދަ ވަގުތުތަކުގައި އުނދަގޫ އިހްސާސްތަކެއް ކުރެވުނަސް، ތަނުލޯބި ޖެހިފައި ހުންނާތީ އޮފީހުން ވަކިވާކަށްވެސް ބޭނުމެއް ނުވެއެވެ. ހިތްހަމަ ޖެހުން ހޯދަނީ ސަރވޭ ދަތުރުތަކުގައި އެ ނެގޭ ބައެއް ހިތްގައިމު ފޮޓޯތަކުންނެވެ. ސަރވޭ ކުރަން ދާންނުޖެހޭ ދުވަސްތަކުގައި މަސަައްކަތް އޮންނާނީ އޮފީހުގައެވެ.

މިގޮތުން އޮފީހުގައި އިންދުވަހެކެވެ. އެދުވަހެއްގައި ކުރަން ހުންނަ މުހިންމު މަސައްކަތްތަކުން އަވަދިވެ އެކަމުން އަތްވީއްލާލެވޭ ވަގުތުކޮޅުގައި، އާދައިގެ މަތިން އަހަރެންގެ މަސައްކަތަކަށް ދެން އޮންނަނީ ފޭސްބުކް ނޫނީ އިންސްޓަގްރާމުން ވާހަކަ ދައްކާލާނެ މީހަކު ވޭތޯ ބެލުމެވެ. އެގޮތުން ކުރީ ދުވަހެއްގައި ފާހަގަ ކޮށްފައި އޮތް ދެތިން މީހެއްގެ ޕްރޮފައިލް ބަލަން ފަށައިފީމެވެ. މިއީ ކޮންމެ ދުވަހެއްގެ އާދަކަމުގައި ވިޔަސް، ހަޤީޤަތުގައި މިއީ ރަނގަޅު ހަޔާތުގެ ބައިވެރިއަކު ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެކެވެ. މިގޮތަށްވެސް މަސައްކަތް ކުރަން ޖެހެނީ އެހެން ޒުވާން އަންހެންކުދިން ފަދައިން އަހަރެންނަކީ ފިރިހެނުންގެ ނަޒަރު މާފަސޭހައިން އަމާޒުވާ ފަދަ އަންހެނަކަށް ނުވާތީއެވެ.

ބުރުސޫރަ މާރީތި ނޫނަސް އަހަރެން ހުންނަނީ ބިޔަކޮށް ނިކަން ސަމައްތަރު ހެޔޮކޮށް ކަމުން، ބައެއް ދަހިވެތި ލޯތަކުގެ ޝިކާރައަށް އަހަރެން ނުވާ ވާހަކައެއްވެސް ނޫނެވެ. މީސްމީޑިއާއިން ވާހަކަ ދައްކާލަން ރަނގަޅުހެން ހީވާ މީހެކޭހިތާ ވާހަކަ ދައްކަން ފަށާފަހުން، ވާހަކަ ދައްކާލެވޭތާ މާކަށް ގިނަދުވަސް ނުވަނީސް ލައްޒަތު ހޯދުމުގެ އަސްލު މަޤްސަދު އެނގޭގޮތް ވުމުން ވަނީ ފާޑެއްގެ ނުލަފާ ފޫއްސެކެވެ. ހިތަށް ވެރިކުރުވަނީ މޮޅިއާއި މާޔޫސްކަމެވެ. ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ އެދުމުގައި އަމިއްލައަށް އިސްނަގައިގެން ފަށައިގެން މިއުޅޭ ދަތުރުގައި، ރަނގަޅު ބައިވެރިޔަކު ލިބުމަށް ކިތަންމެ ވަރަކަށް ބޭޤަރާރުވެ، ނިހާޔަތަށް ހިތް އެދެމުން ދިޔަޔަސް، އަހަރެންވެސް ނުކުރާނެ ކަންކަން ހުންނާނެއެވެ. ފަހަނައަޅައި ނުދާނޭ އިންތަކެއް ހުންނާނެއެވެ. އެހެން ނޫންނަމަ އަހަރެންނެކޭ ހަވަރު ތުންފުއްސެކޭ ހުންނާނީ ވަކި ކޮން ތަފާތެއް ހެއްޔެވެ؟

ފުރަތަމަ މީހާގެ ޕްރޮފައިލާއި، ވަނަވަރާއި، ކަންކަން ހުރިނެތްގޮތް ރަނގަޅަށް ބަލާލިއިރު، ވާހަކަ ދައްކަން މާ ކަމުދާ ޒާތުގެ މީހަކަށް ނުވިއެވެ. އޭރު އޮފީހުގެ އެއްފަރާތުގައި ހުރެގެން އަދުޔަން ޓިކްޓޮކް ޗެލެންޖެެއް ފުރިހަމަ ކުރުމަށް ތައްޔާރުވަނީއެވެ. އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ދެވަނަ މީހާގެ ޕްރޮފައިލް ބަލާލިއިރު ދިމާވީ އާންމުކޮށްވެސް ދިމާވާ އެއްމައްސަލައެވެ. އޭނަ އިސްކޮޅުން މާ ކުރީއެވެ. މައްސަލައަކަށްވަނީ އަހަރެންނަކަށް ނޫނެވެ. އެމީހުންނަށެވެ. އަހަރެން ކިޔާނީ ރާއްޖޭގެ ނިސްބަތުން އިސްކޮޅުން ދިގު އަންހެނަކަށެވެ. ބިޔަކޮށް ހުރުމުގެ އިތުރަށް އަހަރެންގެ އިސްކޮޅުގައި ފަސްފޫޓް އަށްވަރަކަށް އިންޗި ހުންނާތީ، އަހަރެން އަލަށް ފެންނަ ބަޔަކަށް އަހަރެން މިއީ އިންޑިޔާ ހިސާބު ނުވަތަ ބޭރު މީހެކޭ ހީކުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ފިހާރައަކަށް ނުވަތަ ތަނަކަށް ޚިދުމަތެއް ހޯދަން ދިޔަޔަސް އެތަނެއްގައި އެއިންނަ މީހަކު، އިނގިރޭސި ބަހުން ވާހަކަ ދައްކަން ފަށައިގެން، ހިނިތުންވެލާފައި މިއީ ދިވެއްސެކޭ ބުނަން ޖެހުނު ފަހަަރުތައްވެސް ވަކި މަދެއް ނުވާނެއެވެ.

އަހަރެންނަށް ހެޔޮއެދޭ އާއިލާ މީހުންނާއި ރައްޓެހިންވެސް ބައެއް ފަހަރު، އެމީހުންނާއި ދިމާވާ ކައިވެންޏެއް ކުރަން ބޭނުންވާ މީހުން، އަހަރެންނާއި ބައްދަލު ކުރުވާފަވެސް އެބަހުއްޓެވެ. ގިނަ ފަހަރު ވެގެންދަނީ އެއީ އެހެން ބައްދަލުވާ ފުރަތަމަ އަދި އެންމެ ފަހުގެވެސް ބައްދަލުވުމަކަށެވެ. އެއް ސަބަބަކަށްވަނީ އަހަރެންގެ އިސްކޮޅެވެ. ތިމަންނަ މާ އިސްކޮޅުން ކުރީއޭ ލަދުގަނެއޭ ނުވެސް ގުޅޭނެ ނޫންހޭ މިފަދަ ގޮތަކަށް ބުނެފައި އެބަހުއްޓެވެ. ޒަވާޖީ ހަޔާތުގެ ދަތުރު ފެށުމަށް އަރަންޖެހޭ ނަވައް އަރައި، މަންޒިލަށް ދިއުމަށް ދެބައިވެރިން އެކުގައި ފަލިޖަހަން ޖެހޭއިރު، އެކަމުގައި އިސްކޮޅު މިއަދާ ކުރާ މުހިންމު ރޯލު އެއީ އަހަރެންނަށް އުޅެއުޅެ ދޭހަ ނުވި އަރަތެކެވެ. މުހިންމީ ރަނގަޅަށް ދެމީހުން އެކުގައި ފަލިޖަހަން އެނގިފައި، ދާންޖެހޭ މަންޒިލަށް އެކުއެކީގައި ދާން އެނގުމެއް ނޫން ހެއްޔެވެ؟

މުހިންމީ ދެބައިވެރިން އެކުއެކީގައި ފަށާ ހަޔާތުގެ ދަތުރުގެ ނަވުގައި، އެތެރެވަރިން ބޭރުވެ ކަނޑުއޮޅި ހުރަސްކުރާ ހިސާބުން، މާކަނޑުގައި ދަތުރުކޮށްފައި ދާއިރު އަމާންކަމުގައި ފައްސިޔަވަޔާ އެއްކޮޅަށް ދުއްވަންޖެހޭ ވަގުތާއި، ކަނޑުގެ އޮޔާއި ވަޔާ ދެކޮޅަށް ދުއްވަންޖެހޭ ވަގުތާއި، އަދި އެފަދަ ވަގުތުތަކުގައި ހަތަރު ފަރާތުން އުދަބާނި އަރަމުންދާ ފަދަ ނާމާން ޙާލަތްތަކުގައިވެސް އެކަކު އަނެކަކަށް ހިތްވަރުދީ، އެކުއެކީގައި އަަމާންކަމުގެ ބަނދަރަށް ވާސިލުވާން އެނގުމެއް ނޫންހެއްޔެވެ؟ ސިފައާއި މުދަލާއި ތަނަވަސްކަމަކީ، ހާލަތައް އަންނަ ބަދަލާއިއެކު ބަދަލުވަމުން އަންނަ އެއްޗެކެވެ. ބަދަލު ނުވަނީ ދިރިއުޅުމުގައި ކަނޑައެޅޭ މަޤްޞަދާއި ނުގުޑާފަދަ އަޒުމެވެ. ބަދަލެއް ނައިސް ދެމިހުންނަނީ ލިބިފައިވާ އަޚްލާޤާއި ތަރުބިއްޔަތެވެ. ކޮންމެއަކަސް ބައެއް މީހުންގެ ވިސްނުމެއް އަހަންނަކަށް ހަމަ ފަހުމެއް ނުވެއެވެ.

މިޚިޔާލުތަކުގައި ދެވަނަ މީހާގެ ޕްރޮފައިލް ދޫކޮށްލާފައި ތިންވަނަ މީހާގެ ފޭސްބުކު ޕްރޮފައިލް ބަލާލިއިރު، ކަމުދާ ގޮތެއް ހުރެގެން ހައި ޖަހާލިތަނާ، ސިއްސައިގެން ދިޔައީ "ޑެސްޕަރޭޓް ވުމަން!!.." އޭ ޝިފާނާ ބުނެލި އަޑަށެވެ. އެއީ އޭނަ އަބަދުވެސް އަހަރެންނާއި މުޚާތަބުކުރާ ގޮތެވެ. "ބިޓެއް ހޯދުމުގަ އަވަދިނެތިދޯ..!" އޭރު ލާނެއް ހިނިތުންވުމަކާއިއެކު ލިޔަނީ ކޯއްޗެއްތޯ ބަލަން ޝިފާނާ މަސައްކަތް ކުރަނީއެވެ. އަހަރެން ޝިފާނާއާއި ދިމާއަށް ބުމަ ގޮށްޖަހާލާފައި، ނުރުހޭ ގޮތް ދައްކާލަމުން އަވަހަށް ފޭސްބުކް މިނިމައިޒް ކޮށްލީމެވެ. ބުރުސޫރައިގެ ގޮތުން ޝިފާނާއަކީ ބަލާލަން ކިތަންމެހާވެސް ރީތި އަންހެނެއް ނަމަވެސް ކަންކަމުގައި މާބޮޑު ޚިޔާލެއް ފިކުރެއް ނުހުންނާނެއެވެ. ޝިފާނާގެ ކޮންމެކަމެއް ވަރިހަމަ ވުމުގެ މިޒާޖާއިހެދި، އޮފީހުގައި މަސައްކަތްކުރާ ބައެއް އަންހެންކުދިން ނުރުހިގެން އެކަމާއި ކުދިކިޔަސް އެއްވެސް ފިރިހެނަކަށް ޝިފާނާގެ ރީތިކަމުގެ ކުރިމަތީގައި އެއީކީ މާބޮޑު މައްސަލައަކަށް ނުވެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް، އަހަރެން ފިޔަވައި އޮފީހުގެ އެންމެން އެއްގަލަކަށް އަރާކަމެއް އޮވެއެވެ. އެއީ ލިބޭ ހުސްވަގުތު ތަކުގައި ޓިކްޓޮކް ވީޑިއޯތައް ހެދުމުގައި އެޖަހާ ސަކަރާތެވެ.

"ދޭބަލަ ޝިފާނާވެސް ޓިކްޓޮކެއް ހަދާލަން.." އޭތިމީތި ކިޔައިގަތުމުން މިއަދު ނަސީބަކުން ތަންކޮޅެއް އަަވަހަށް ހިނގައްޖެއެވެ.
މިނިމައިޒްކޮށްލި ވިންޑޯ އަވަހަށް ހުޅުވާލާފައި ބަލާލިއިރު އެކޮޅުން އޮފެްލައިން ވެެއްޖެއެެވެ. އެކަހަލަ ވަގުތު ތަކުގައި ޝިފާނާދެކެ އާދެވެނީކީ އަމަށަކު ރުޅިއެއް ނޫނެވެ. މިއީ ހަމަ އާންމުކޮށް ކަންތައް ދިިމާވާ ގޮތެވެ. އެހިތް ނުތަނަވަސްކަމުގައި އަނެއްކާވެސް ބަލާލެވުނީ، ޓިކްޓޮކެއް ހެދޭތޯ މަސައްކަތް ކުރަމުންދިޔަ އަދުޔަނަށާއި ތޮލްއަށެވެ. އޭރު އެދެމީހުން އެބުނާ ޗެލެންޖެއް ފުރިހަމަ ކުރަން ބީޓަށް ފައިހަމަ ކުރަމުން އެބިތުޖެހިފައި މިބިތު ޖެހެނީއެވެ. ހިތަށް އެރިއެވެ. މިޓިކްޓޮކެއް ވުޖޫދުވި ފަހުން މިފިރިހެން ވެރިންގެ ފިރިހެންވަންތަކަން މުޅިންހެން ގެއްލިއްޖެއެވެ. ނަނިކަން ހާދަހާ ވާ އިތުރު ކުރުވައިފިއެވެ.

ކޮންމެއަކަސް، ސަރވޭއަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ފުރަންޖެހޭ ދުވަސް ޖެހިގެން ދާން ޖެހުނުއިރު، ކަންދިމާކުރި ގޮތުން މިފަހަރު ދާން ޖެހުނީ އަހަރެން އެކަންޏެވެ. ޓީމުގެ އެހެން ބައިވެރިންނަށް ދާން ޖެހުނީ އެހެން ކޮންމެވެސް އުތުރުގެ ރަށަކަށެވެ. ރިސޯޓަށް ދެވުނު ދުވަހުގެ އަނެއް ދުވަހު، ހެނދުނުގެ ނާސްތާއަށް ފަހު އަހަރެން ބެލީ ސަރވޭއަށް ބޭނުންވާ ފޮޓޯތައް ނެގޭތޯއެވެ. ރިސޯޓްތަކަށް ސަރުކާރުގެ ފަރާތުން އައިސްތިބޭ އަހަރެމެންފަދަ މީހުންނަށް، ރިސޯޓްގެ ހުރިހާ ދިމާއެއްގައި އުޅުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ގޮނޑުދޮށުގެ އެއްފަރާތުގައި ހުރެގެން ފޮޓޯ ނަގަމުން ދަނިކޮށް، މާދުރުނޫން ހިސާބުގައި ހުރި ފްރޮންޓް އޮފީހާއި ދިމާއިން އަޑުތަކެއް އިވޭތީ ބަލާލިއިރު، ރިސޯޓްގައި މަސައްކަތްކުރާ ދިވެހި އަންހެން މުވައްޒަފުންތަކެއް، ބޭރު މީހަކާއިއެކު ތިންހަތަރު ސެލްފީ ނެގޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.

ފެންނަ ފެނުމަށް އެއީ އެރިސޯޓަށް ޒިޔާރަތްކުރި ފަތުރު ވެރިއެކެވެ. އިސްކޮޅުންދިގު، ބިޔަ ވަރުގަދަކޮށްހުރި ފިރިހެންވަންތަކަމުގެ ލާމަސީލު މިސާލެކެވެ. އޭރު ދޭތެރެއަކުން އެހެން ހުރަސްކޮށްލާފައިދާ ބައެއް ދިވެހި ފިރިހެން ސްޓާފުންވެސް އެފަތުރުވެރިޔާ އާއިއެކު ސެލްފީ ނަގާތަން އެބަ ފެނެއެވެ. ހިތަށް އެރިއެވެ. މި ދިވެހިންނަކީ ރީތި މީހަކު ނުފެނިފަ ތިބޭ ބަޔަކީތާއެވެ. ތަނަކުން ރީތި މީހަކު ފެންނައިރަށް ދެންހަމަ އެވަރުވާން ޖެހޭ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއިއެކު އަހަރެންގެ ގާތަށް ހިސާބަކަށް ހިނިއަންނަ ގޮތްވެސް ވިއެވެ. ސެލްފީތަކުން އަވަދިވެގެން ދެން އެމީހަކު ނުކުތީ އަހަރެންހުރި ދިމާގެ ގޮނޑުދޮށާއި ވީ ފަޅިއަށެވެ. ފޮޓޯނަގަމުން ދިޔައިރު އެއްލި ކަޅިއަކުން އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ހަމަވާ ގޮތްވިއެވެ. ކަނދުރާއާއި ހަމައަށް ދިގުކޮށްފައިވާ، ފަން އިސްތަށިގަނޑެއްގެވެރި އެމީހާ، ހިނިތުންވެލި ގަޑީގައި ހިތަށް ޒާތެއްގެ ގޮތެއް ވެގެން ދިޔަނަމަވެސް، އަހަރެންވެސް ހިނިތުންވެލާފައި އަނެއްކާވެސް ބެލީ ފޮޓޯތައް ނެގޭތޯއެވެ.

އޭގެ އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ. އުޑުމަތިން ވިއްސާރައިގެ އަސަރުތައް ފެންނަމުން ދިޔަ ނަމަވެސް ފުސްބޯވެފައި އޮތްގޮތުން ބަލާލަން އެމަންޒަރު ވަރަށްވެސް ހިތްގައިމެވެ. އަހަރެންގެ ކެމެރާއަށް އެމަންޒަރުތައް ޤައިދު ކުރަމުން ދިޔައިރު މީހަކު ހުރިހެން ހީވެގެން ބަލާލިއިރު އެއްކަލަ މީހާ ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންނަށް ފެނުނުކަން އެނގުމުން އަހަރެންގެ ކައިރިޔަށް އައިސް "ހެލޯ" އޭ ބުނެލިއެވެ. ކޮންފަދަ ފިރިހެންވަންތަ ބަރު އަޑެއް ހެއްޔެވެ؟ އޭރު ބަނަފިނީގެ އަސަރު ކުރަމުން ދިޔަ އަހަރެންގެ ހަށިގަނޑަށް އިތުރު ފިނިކަމެއް ވެރިކުރުވި ކަހަލައެވެ. ޖަހާފައި ހުރި، މީރުވަސް ދުވާ ސެންޓެއްގެ ސަބަބުން ހީވަނީ ބަނޑުފުރި އަރައިދާނެ ހެންނެވެ. އަހަރެންވެސް ލަދުރަކި ގޮތަކަށް "ހައި" އޭ ބުނެލީމެވެ. ފޮޓޯ ނަގަނީ ހޮބީއަކަށްތޯ އެމީހަކު އަހަރެންނާއި އިނގިރޭސި ބަހުން ސުވާލު ކޮށްލިއެވެ. ސުވާލުކުރި ގޮތުން އެމީހަކު އިނގިރޭސި ބަހަށް ފަރިތަ ނަމަވެސް އެއީ އަރަބި ހިސާބު މީހެއްކަން އަހަރެންނަށް އެނގުނެވެ.

ހިތްހެޔޮ ގޮތެއް އަޑުގައި އެކުލެވިފައި ވެއެވެ. ޖަވާބުގައި ސަރވޭއެއްގައި އައިސް އުޅޭކަމާއި ހިތްހަމަ ޖެހޭ ކަހަލަ ފޮޓޯތައް ނަގަން އަމިއްލަ ކެމެރާއެއް ވެސް ގެންގުޅޭ ވާހަކަ ބުނެލުމުން އެމީހަކު އަހަރެން ނަގާފައިވާ ބައެއް އަމިއްލަ ފޮޓޯތައް ބަލާލަން ބޭނުންވާ ވާހަކަ ބުނެލިއެވެ. އަހަރެން އޭނަ އަތަށް ކެމެރާ ދިނުމުން ވަރަށް ޝައުޤުވެރިކަމާއިއެކު ފޮޓޯތަކަށް ބަލަމުން "ތިއީ ހަމަ މޮޅު ފޮޓޯގްރާފަރެއް ދޯ.." އޭ ބުނެލުމަށްފަހު ދެން އެހީ އަހަރެންގެ ނަމެވެ. އަހަރެމެން ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ.
" އަނަޤް، ފްރޮމް މޯލްޑިވްސް" އޭ މަޖާވެލާފައި ބުނެލުމާއިއެކު ހީނގަނެވުނީ ދެމީހުނަށްވެސް އެއްފަހަރާއެވެ.
"އަނަޤް..! " އެމީހަކު އަހަރެންގެ ނަން ތަކްރާރު ކޮށްލިއެވެ. " ނަންވެސް ތަފާތު. މީހާވެސް ތަފާތު. ވަރަށް އާއްމު ނޫން އެހެނަސް ރީތި ނަމެއް.. ކޮބާ މާނައަކީ؟" އެމީހާ ސުވާލު ކޮށްލިއެވެ.

"މާނައަކީ ރީތިކަން.. ދެން ކޮބައިބާ ތިމީހެއްގެ ނަމަކީ؟" އޭނަވެސް ސުވާލު ކުރަމުންދާތީ އަހަރެންވެސް ސުވާލު ކޮށްލީމެވެ.
"މީ ހަކާން ހަމިތު..! ތުރުކީ. މިނަން ކިޔާ މީހަކު ނުދަންނަންތަ..؟ ހަކާންގެ މާނައަކީ ވެރިޔާ. ހަމިތުގެ މާނައަކީ ހީވަނީ.. ތައުރީފް ހައްޤު މީހާ ހެން.." ހަކާން ހެވިފައި ހުރެ ބުނެލިއެވެ. އަހަރެން ނުދަންނަމޭ ބުނުމުގެ ގޮތުން އަނގަޔަށް ވައްތަރެއް ޖައްސާލުމުން، ހަކާން ހިނިއައިސްފައި އެއީކީ މައްސަލައެއް ނޫނޭ މިހާރު ހަކާން ހަމިތުވެސް، ހަކާން ހަމިތުގެ މާނަވެސް އެނގިއްޖެނޫންހޭ ބުނެލިއެވެ.

އެ ހިނިތުންވުމުގައި އެވަނީވެސް ކޮންފަދަ ދަމާ ބާރެއް ހެއްޔެވެ. ދެން ވާހަކަ ދެކެވުނީ އެކި ނަންނަމުގެ މާނައާއި ގުޅޭ ގޮތުންނެވެ.
އޭގެ އިތުރަށް އަހަރެމެން އެތައް އިރަކު އެކި މައުޟޫތަކުގައި ވާހަކަ ދައްކާ ހެދީމެވެ. ފުރަތަމަ ފަހަރަށް މީހަކު ޝައުޤުވެރި ކުރުވަން ނޫޅެ، އަހަރެންނަށް އަހަރެންގެ އަމިއްލަ ގޮތުގައި ވާހަކަ ދައްކާލެވުން އެއީ، ޚުދު އަހަރެންނަށްވެސް ހައިރާންކަން ގެނުވި ކަމެކެވެ. އަހަރެން ކަހަލަ ސަކަ މިޒާޖްގެ މީހަކަށް ހަކާންވުން އެއީ ވާހަކަ ދައްކަން އިތުރަށް ފަސޭހަވި އެއްސަބަބެވެ. އެބައްދަލު ވުމަށްފަހު އަހަރެންގެ ކޮޓަރީގައި ނިދަން އޮތްއިރު ބޮލުތެރޭގައި ގުގުމާފައި ހުރީ ހަކާން ބުނެލި ޖުމްލަތަކެކެވެ. އޭރު ދައްކަމުންދިޔަ ވާހަކައެއްގެ ތެރެއިން "އަހަރެން މިއީކީ މާރީތި މީހެއް ނޫނޭ" އަހަރެންނަށް ބުނެވުމުން އޭގެ ޖަވާބުގައި ހަކާން ބުނެލި ޖުމްލަ ތަކެކެވެ.

"ކޮންމެ މަޚްލޫޤެއްގެ ކިބައިގާވެސް އެއަށް ލިބިފައިވާ ވަކި ޚާޞިއްޔަތެއް އޮންނާނެ.. ބަރަނި ރޮދި ފަށަކަށް ޔާގޫތު އެމުނުމުން އެބަރަނީގެ ރޮދި އޭގެ ތެރެއިން ފެނުނަސް އައިބު ވޭތަ؟ ވަނީ ހަމަ ރީތިނުނ. ހަމައެހެން .. މަލުގައި މީރުވަހެއް ހުރުމަކީ ގަހުގައި ތޫނު ކަށި ހުއްޓަސް ޝައުޤުވެރިކަން އުފައްދައިދޭ ކަމެއް.. އެހެންނުނ.." އެއީ އަހަރެންނަށް ހިތްވަރު ލިއްބައިދިން ޖުމްލަ ތަކެކެވެ. ހިތަށް އެރީ ރީތި ސިފަޔާއި އެއްވަރަށް ބަސްމޮށުންތެރިކަންވެސް ވަނީ ދެއްވާފައެވެ. އަހަރެންނަށް ހަކާންގެ ބުރުސޫރަޔަށް ވުރެވެސް ކަމުދިޔައީ އެމިޒާޖާއި އެހިތްހެޔޮ ކަމެވެ.

އޭގެ އަނެއްދުވަހު މާލެދާން ޖެހޭތީ، ފުރަން ވެގެން އަަވަސް ކޮށްލާފައި ތެޅެމުން ފޮޅެމުން ދަނިކޮށް، ދިޔަމަގުމަތިން ހަކާންއާއި ދިމާވުމުން ފުރަނީއޭ ދިމާވީތީ ވަރަށް އުފާވި ވާހަކަ ބުނެލީމެވެ. ހަކާން އެދުނީ އަހަރެންގެ ފޯނު ދިނުމަށެވެ. ހަކާންގެ އަތަށް ފޯނު ދިއްކޮށްލުމާއެކު އޭގައި އޭނަގެ ފޯން ނަންބަރު ޖަހާ ސޭވް ކޮށްލުމަށްފަހު އެއީ ވަޓްސްއެޕް ނަންބަރޭ، އެއްވެސް މީހަކަށް ނުދެއްޗޭ ބުނެލިއެވެ.

އޭގެ އަނެއްދުވަހު އޮފީހަށް ދިޔައިރު އަންހެންވެރިންނާއި ފިރިހެން ވެރިންގެ ހަޅަޖެހުމުގެ އަޑުން އޮފީސްތެރެވަނީ ގުގުމާފައެވެ. ވެގެން އުޅޭ ގޮތެއް ބަލާލިއިރު ސީރީޒެއްގައި އުޅޭ މާ މަޝްހޫރު މީހެއްގެ ވާހަކައެއް ދެކެވެނީއެވެ. ދިވެހި އަންހެންކުދިންގެ ހިތްތަކުގައި މިހާރު ރަސްކަންކުރަމުން އަންނަ، މާ ހިތްކިޔާ ޒާތުގެ އެކްޓަރެއް ރާއްޖެ އައި ވާހަކައެއް ނޫހެއްގައި ޖަހާފައި އޮވެގެން، އެކަމާއި އަންހެންކުދިން އުފާ ފާޅުކުރާތީ ފިރިހެންވެރިން ދިމާ ކުރަނީއެވެ. އެންމެ ފޯރި އަރުވަނީ ޝިފާނާއެވެ.

"ހަކާން ފެނުނުތަ..؟ ސެލްފީއެއް ނެގުނުތަ؟ .. ތިރިސޯޓުގައެއްނުނ އޭނަ ހުރީ!" އަހަރެން ހަމަ ފެނުމާއިކު، ޝިފާނާ ވަރަށް ކެތްމަދުވެފައި ކުރި ސުވާލުތަކަށް، އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ވެގެން އުޅޭގޮތެއް އެނގޭވަރުވީ އިރުކޮޅެއްވެސް ވީ ފަހުންނެވެ. ދިވެހިންގެ ތެރޭގައި ސައުތު ކޮރެޔާ އަދި ތުރުކީ ހިސާބުތަކުގެ ސީރީޒްގެ މަޤްބޫލުކަން އިތުރުވެ، އޭގައި އުޅޭ ބައެއް ފިރިހެން ތަރިންނަކީ، މިއަދުގެ އެތައް ދިވެހި އަންހެންކުދިން ހިތްކިޔާ ފަރާތްތަކެވެ. އޭގެ ތެރެއިންވެސް ހަކާން ހަމިތަކީ އަރާހުރި ފަރާތެކެވެ. ތުރުކީ ސީރީޒް އެއީ އަހަރެން ބަލާ އުޅޭ އެއްޗަކަށް ނުވާތީ އަހަރެންނަށް ހަކާން އެއީ އަސްލު ކާކުކަން ނޭނގުނީއެވެ. މިހާރު ވިސްނާލުމުން، އޭރު ރިސޯޓް ސްޓާފުން އެވަރަކުން ސެލްފީ ނެގީ ކީއްވެކަމާއި ހަކާންވެސް ނުސީދާކޮށް ތިމަންނަ ނުދަންނަންހޭ އެހި ސަބަބު ސިކުނޑިއަށް ނަގައި ގަނެވުނެވެ. އެއަށްވުރެ ބޮޑަށް ހައިރާންވީ ނަންބަރުވެސް ދީފައި އޮތުމުންނެވެ.

" އާނ!.. ދިމާވި. ނަންބަރުވެސްދިން" އަހަރެން އެހެން ބުނުމުން އެންމެންވެސް ފެށީ ހޭށެވެ. ސެލްފީއެއް ނެގިފައި ނެތީމަ ނަންބަރު ދިންކަމަށް އެކަކުވެސް ޤަބޫލެއް ނުކުރެއެވެ. ޝިފާނާވެސް އަހަރެންނާއި އެކަމާއި ވަރަށް ހަރި ޖެހިއެވެ. ވީ ފޫހިން ނަންބަރު އޮތްކަން ޘާބިތު ކޮށްދޭން އިތުރަކަށް ބޭނުމެއްވެސް ނުވިއެވެ.

ގެއަށް ގޮސް ހަމަޖެހިލައިގެން، ދީފައިއޮތީ ރަނގަޅު ނަންބަރެއްތޯ ޔަޤީން ކޮށްލަން ވަޓްސްއެޕުން އެނަންބަރަށް ގުޅާލީމެވެ. ފޯނު ނެގީ ހަކާންއެވެ. އެބަރު އަޑު ކަންފަތުގައި ޖެހުމުން މިފަހަރު ކުރެވުނީ އަދި މާ ތަފާތު އިހްސާސެކެވެ. ތީއެކްޓަރެއް ދޯއޭ އަހަރެންނަށް ނަންބަރު ދިނީ ކީއްވެތޯ ސުވާލު ކުރީމެވެ. ހަކާންގެ ޖަވާބު ކުރުވެފައި ސާދާއެވެ.

"މިއީ އަސްލު ރާއްޖެއައި ދެވަނަ ފަހަރު. އަހަރެންނާ އެއްކޮށް ސެލްފީ ނުނަގާ ދިވެހި އަންހެން ކުއްޖަކާ ދިމައެއް ނުވޭ ތި ނޫނިއްޔާ.. އިރުކޮޅަކުން އެނގުނު އަހަރެން ނުދަންނަނީކަން.. ދެން އަނަޤް އަހަންނާއި ވާހަކަ ދެއްކީ ފޭނެއްގެ ގޮތުގައެއް ނޫން.. އަނަޤްގެ އަސްލު ސިފަތަކާ އަދާތައް ފެނުނީ..ވަރަށް ސާދާ.. ރަކިވާއިރު އަނގަޔަށް ހަދާލާ ގޮތެއް ވައްތަރު ގޮތެއް ހުރޭ ލެޓިނާ ހިސާބު ކުދިންނާ.." ފަހުން އެބުނި ޖުމްލަ ދޭހަނުވިޔަސް އެޔެއް ނުއެއް އަހަމެވެ. ނުވަތަ ނުކެރުނީއެވެ.

އޭގެ ތިން ވަރަކަށް މަސް ފަހެވެ. ހަކާން އާއި ވަޓްސް އެޕުން ވާހަކަ ދެއްކުމަކީ އާދައެކެވެ. ހަކާންގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންތަކާއި ކެރިއަރާއި ގުޅޭގޮތުންވެސް ވާހަކަތައް ހިއްސާ ކުރެއެވެ. ހަކާން އުޅޭ ސީރީޒްތައް ބަލާފައި އެއަށް ފީޑްބެކް ދީ ހަދަމެވެ. ހަކާންއަށް ވަަރަށް ގިނަފަހަރު އަހަރެން ހުށަހަޅާ ޚިޔާލުތައްވެސް ވަރަށް ކަމުދެއެވެ. އަދި އެއަށް އަމަލީ ސިފަވެސް ގެނެއެވެ. ބައެއް ފަހަރު ވީޑިއޯ ކޯލް ކުރާއިރު، ހަކާންގެ އާއިލާގެ ބައެއް މީހުން، ފަހަތުން ފެނުމުން އަތުން ހަނާ އަޅާލާ ގޮވާލާ ހަދަމެވެ. އަހަރެންގެ އާއިލާގެ ބައެއް މީހުނަށްވެސް ހަކާން ދައްކާލާ ހަދަމެވެ. މަންމައަށް އިނގިރޭސި ނޭނގޭތީ، ހަކާން ވީޑިއޯއިން ފެންނަ ކޮންމެ ފަހަރަކު މަންމަ ހިނިތުންވެލާފައި އަތުން ހަނާ އަޅާލާނެއެވެ. އެކަމަކު މިއިން އެއްވެސް ކަމެއް އޮފީހުގެ އެއްވެސް މީހަކަށް ނާންގަމެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ހަކާން ރާއްޖެ އަންނަމުން، އަހަރެންނާއި އާއިލާގެ ބައެއް ގާތްމީހުންވެސް އެމީހުނާއިއެކު ދެދުވަހެއްވަރު އެކުގައި ތިބުމަށް ދަޢުވަތު ދިނެވެ.

އެދަޢުވަތު ޤަބޫލު ކުރީ އުފެދިފައި އޮތް ގާތް ބަދަހި ގުޅުމުގެ ސަބަބުންނެވެ. އަހަރެންގެ ހިތުގައި ހަކާންއާއި މެދު އިހްސާސްތަކެއް އުފެދިފައި އޮތަސް އެކަމެއް ހަކާންއަކަށް މާބޮޑަކަށް ނާންގަމެވެ. މިފަހަރު ހަކާން އައީ އޭނަގެ އާއިލާގެ ބައެއް މެންބަރުންނާއިވެސް އެކުގައެވެ. އަހަރެންނާއި އާއިލާގެ ބައެއްމީހުން ތިބީ ހަކާން މެންތިބި ސުއީޓާއި ޖެހިގެން ހުރި ހަކާން ހިފާފައިހުރި ސުއިޓެއްގައެވެ. ފުރަތަމަ ދުވަސް ސަކަރާތާއި މަޖަލުގައި ހޭދަވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ.

ދެވަނަ ދުވަހަކީ ބޮޑު ދުވަހެއްކަން ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. އަހަރެމެން އެންމެންތިބީ ހަކާން އިންތިޒާމްކުރި "ބީޗް ޑިނަރ" އަކަށް އިންސާފު ކުރާށެވެ. ކެއުން ނިމުމުން ހަކާން އަހަރެން ހުރި ދިމާލަށް އައިސް ތިރިވެލާފައި އެއްކަކޫ ބިންމަތީ ޖައްސާލާފައި ޖީބުގައި އޮތް އެއްޗެއް ނަގަމުން ބުނެލިއެވެ.

" އަހަރެން.. ކަވެނި ކުރާނަންތަ.. ވިލް.. ޔޫ މެރީ މީ..؟ ހަކާން ފުރަތަމަ ޖުމްލަ އުނދަގޫ ގޮތަކަށް ކީ ދިވެހިންނެވެ. އެހެން ބުނިއިރު ހުރީ ވަރަށް ރީތި، ބޮޑު އެހެއް ޖަހާފައި ހުރި އަނގޮޓިއެއް ދިއްކޮށްގެންނެވެ. އިރުކޮޅަކަށް ހީވީ ހިތުގެ ހިނގުން ހުއްޓި ދިޔައީ ހެންނެވެ. މިހާރުވެސް މިލިބެމުންދާ އުފާ ވަކި ކުޑައީ ހެއްޔެވެ؟ ޔާ ﷲ!! ހާސްފަށުން ޙަމްދު ހުއްޓެވެ. މިއީ ހުވަފެނެއް ނަމަ މި ހުވަފެނުން ނުހޭލެވޭނެ ނަމައޭވެސް ދިޔައީ ހިތަށް އަރަމުންނެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ދިޔައީ ކަރުނަ ފައިބަމުންނެވެ. ޤަބޫލު ކުރަންދަތި ހާލުގައި އުފަލާއި ހައިރާންކަމުގައި ހުރެވެސް، ތުރުތުރު އަޅަމުން "ޔެސް.!!!" އޭ ބުނެލި އަޑަށް، ހަޅޭއްލެވުމާއި އަތްތިލަ ބަޑީގެ އަޑުން މުޅިތަން ދިޔައީ ގުގުމައިގެންނެވެ.

އަހަރެމެންގެ އެދަތުރަކީ ސިއްރު ކުރެވިފައި އޮތް ދަތުރެއް ނަމަވެސް، ޖެހިގެން އައި ދުވަހު މާލެ އާދެވުނު އިރު އެކަންއޮތީ ގިރާވަރު ސިއްރަކަށް ވެފައެވެ. ސޯޝަލް މީޑިއާތަކާއި ޚަބަރުތަކުގައިވެސް އެވާހަކައެވެ. ނޫސްވެރިން ގުޅާވަރުންވެސް ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އޮފީހުގައި ތިބި މީހުނަށް، ޚާއްސަކޮށް ޝިފާނާއަށް ލިބުނު ޝޮކު ކުޑައެއް ނޫނެވެ. އެތައް ސުވާލަކާއި ޝަކުވާއެއް ކުރިމަތި ކުރިއެވެ. ވަގުތު ވީމައި ކިޔައިދޭނަމޭ ބުނީމެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިހެން ހީވިއެވެ. "އަދިވެސް ފަރިވަނީތަ ދައްތާ..! އާދޭ ދެން..!! ޣާޒީވެސް އަތުވެއްޖޭ.." އަހަރެންގެ ޚިޔާލުތައް ހާވިޔާ ވެގެން ދިޔައީ ކޮއްކޮ އަލާގެ އަޑަށެވެ.

އަހަރެން އަވަސް ކޮށްލާފައި ދިޔައިރު ރާއްޖޭގެ މީޑިޔާގެ އިތުރުން ތުރުކީގެ މީޑިއާ މީހުންވެސް ތިއްބެވެ. ދެންތިބީ ހަކާންއާއި އަހަރެންގެ ފަރާތުން ކައިވެނީގެ ދަޢުވަތު ލިބިގެން އައިސް ތިބި މީހުންނެވެ. އެކައިވެނި ކުރެވުނުތަން ލައިވްކޮށްވެސް އެތައް ބަޔަކު ބެލިއެވެ. އެެއަށްފަހު އޮތީ ވަލީމާގެ ކެއުމެވެ. އޭރު ތަށިދޮށު މީހުން ކާތަކެތި ހިފައިގެން ހޭލަމޭލައަކަށް އުޅެއެވެ.

މީޑިއާއަށް ވަގުތުކޮޅެއް ދޭންޖެހޭތީ އަހަރެންނާއި ހަކާން ފޮޓޯއަކަށް މަޑުކޮށްލީމެވެ. އަހަރެންނަށް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފް އުފާވެރި އިހްސާސްތަކެކެވެ. ސިފައިގެ ސަބަބުން އައި ގޮންޖެހުންތައް ގިރާކުރެވި، ހަމަވައި ލިބެން ފެށިކަމުގެ އިހްސާސެވެ. ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ހޯދަން ކުރި މަސައްކަތުގައި އާޚިރުގައި ކުޅިފަސް ލިބުނު ކަމުގެ އިހްސާސެވެ. ހުނުމާއި އުފާވެރިކަމުގެ ތެރެއިން ހުރިހާ އެންމެންގެ ނަޒަރު އަހަރެެމެންނަށް އަމާޒުވެފައި ތިބިއިރު، އަހަރެންނަށް ހަމަ ހަޤީޤަތުގަވެސް އިހްސާސް ކުރެވެމުން ދިޔައީ އަހަރެންނަކީ އެވަގުތު މުޅި ދުނިޔެމަތީވެސް ހުރި އެންމެ ރީތި އިންސާނާ ކަމުގައެވެ.

-ނިމުނީ-

ނޯޓް : މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ގ.ރަންރިހި / ޝަބީބު ތައުފީޤުއެވެ. ވާހަކަ ހުށަހަޅާދިނީ ގ.ރަންރިހި / އަޒްލީނާ ތައުފީޤްއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 02 ރަމަޟާން 1442 އެވެ.