ޚަބަރު

ރަޝިޔާއާއި ޔޫކުރެއިނުން ވާދައަށް އަސްކަރީ ތަމުރީނުތަކެއް ފަށައިފި


ކުރިމިޔާ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ރަޝިޔާއާއި ޔޫކުރެއިނުން އެއް ޤައުމުން އަނެއް ޤައުމާ ވާދައަށް އަސްކަރީ ތަމުރީނުތަކެއް ފަށައިފިއެވެ. ދެ ޤައުމުން އަސްކަރީ ތަމްރީނުތަކެއް ބާއްވާފައިވަނީ ޔޫކުރެއިނުގެ އިރުމަތީ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ފައުޖުތައް ޖަމާކުރުމުން އެކަމާމެދު ނޭޓޯގެ ޤައުމުތަކުން ކަންބޮޑުވުން ފައުޅުކޮށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކުރެއިނުގެ ބައެއްކަމަށްވާ ކުރިމިޔާވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޔޫކުރެއިނާއި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއި ނޭޓޯއިންވަނީ ރަޝިޔާއިން ބަރު ހަތިޔާރާއި އަސްކަރީ ފައުޖުތައް އެ ސަރަޙައްދަށް ފޮނުވަމުންދާކަމުގެ ތުހުމަތުކޮށްފައެވެ. އެއާއެކު އެމެރިކާގެ ދެ އަސްކަރީ އުޅަނދެއް ބުލެކު ސީ ސަރަޙައްދަށް މި ހަފުތާގެ ތެރޭގައި ފޮނުވުމަށް އެ ޤައުމުންވަނީ ނިންމައިފައެވެ.

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމަށް ނިންމާފައިވާ ނިންމުމަކީ ރަޙުމަތްތެރި ޢަމަލެއް ނޫންކަމަށާއި އޭގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ރަޝިޔާއިންވަނީ ދީފައެވެ. އަދި ކުރިމިޔާއަށާއި ބުލެކު ސީގެ އައްސޭރިއަށް އެމެރިކާއިން ކައިރި ނުވުމަށް ރަޝިޔާއިންވަނީ އިންޒާރު ދީފައެވެ. ރަޝިޔާއިން ބުނީ އެ ޤައުމުން ބާއްވާ އަސްކަރީ ތަމުރީނުތަކަކީ އެމެރިކާއާއި ނޭޓޯގެ ޢަމަލުތަކުގެ ސަބަބުން އޮތް ނުރައްކަލާ ދެކޮޅަށް ތައްޔާރުވުމަށް ބާއްވާ ތަމުރީނުތަކެއްކަމަށެވެ. އެ ތަމުރީނުތައް ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާނެކަމަށް ރަޝިޔާއިން ބުނެއެވެ.

ޔޫކުރެއިނުން ކުރިއަށްގެންދާ އަސްކަރީ ތަމުރީނުތަކާ ގުޅޭގޮތުން އެ ޤައުމުން ބުނީ ޓޭންކަރު ބޭނުންކޮށްގެން ރަޝިޔާގެ އަސްކަރީ ފައުޖުތަކުން އެ ޤައުމަށް ދީފާނެ ޙަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަމުންދާކަމަށެވެ. ރަޝިޔާގެ 11،000 ސިފައިން ސަރަޙައްދީ ރޮނގަށް ޖަމާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ޔޫކުރެއިނުންވަނީ ބުނެފައެވެ. ރަޝިޔާގެ ރޭވުމަކީ ކުރިމިޔާގައި ނިޔުކުލިޔަރ ޙަތިޔާރު ރައްކާކުރުންކަމަށްވެސް ޔޫކުރެއިނުންވަނީ ތުޙުމަތުކޮށްފައެވެ.