ޚަބަރު

ތައިވާނުގެ ކަނޑުގެ ސަރަޙައްދުގައި ޗައިނާއިން އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފި


ތައިވާނުގެ ކަނޑުގެ ސަރަޙައްދުގައި ޗައިނާގެ އަސްކަރިއްޔާއިން ކުރިޔަށްގެންދާ ޙަރަކާތްތަތަކީ އަސްކަރީ ފަރިތަކުރުންތަކެއްގެ ގޮތުގައި އެ ޤައުމުން ސިފަކޮށްފިއެވެ. ޗައިނާއިން އެހެން ބުނީ އެމެރިކާގެ ސަރުކާރުގައި ކުރިން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންތަކެއް ތައިވާނަށް ދަތުރުފުޅެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ އަސްކަރިއްޔާއިން ތައިވާނުގެ ސަރަޙައްދުގައި ތަކުރާރުކޮށް ޙަރަކާތްތެރިވަމުންދާތީ ތައިވާނުގެ ސަރުކާރުންވަނީ އެކަމާ ހިތްހަމަނުޖެހިފައެވެ. ފަހުގެ ދުވަސްތަކުގައި ޗައިނާގެ ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓާއި ހަނގުރާމަމަތީ އުޅަނދުފަހަރުވަނީ އެ ސަރަޙައްދުން ދަތުރުކޮށްފައެވެ. ތައިވާނުން ބުނީ ޗައިނާގެ 25 ހަނގުރާމަމަތީ މަތިންދާ ބޯޓު އޭޕިރުލް މަހުގެ 12ވަނަ ދުވަހު އެ ޤައުމުގެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައިވާކަމަށެވެ. އެއީ އެހާ ގިނަ ޢަދަދެއްގެ ޗައިނާގެ އަސްކަރީ އުޅަނދު އެ ސަރަޙާއްދުގައި ޙަރަކާތްތެރިވި ފުރަތަމަ ފަހަރެވެ.

ޗައިނާއިން ބުނީ ތައިވާނުގެ ސަރުކާރުން ބޭރުގެ ފަރާތްތަކާ ގުޅިގެން ޗައިނާއާ ދެކޮޅަށް ރޭވުންތަކެއް ރާވަމުންދާކަމަށެވެ. އެހެންކަމުން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީން ތައިވާނުގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވުމަކީ ޗައިނާއަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކަލުން ޤައުމުގެ އިސްތިޤުލާލު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެ ޤައުމުން ބުނެއެވެ. އެއީ ބޭރުގެ ފަރާތްތަކުން އެ މައްސަލައިގެ ތެރެއަށް ވަންނަމުންދާތީ އަޅައި ފިޔަވަޅެއްކަމަށްވެސް ޗައިނާއިން ބުނެއެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރަކާއި ކުރީގެ ދެ ޚާރިޖީ ވަޒީރުންވަނީ ތައިވާނަށް ދަތުރުފުޅެއްކުރައްވައިފައެވެ. އެމެރިކާއިން ބުނީ އެ ދަތުރުފުޅުގެ މަޤުޞަދަކީ ތައިވާނާއި އެ ޤައުމުގެ ދީމިޤުރާޠީ ނިޒާމު ރައްކާތެރިކުރުމަށް އެމެރިކާގެ ރައީސް ދެއްވާ މުހިންމުކަން ހާމަކުރުންކަމަށެވެ. އެ ވަފުދުން ތައިވާނުގެ އިސްވެއިންނާ ބައްދަލުކުރާނެއެވެ. އެ ދަތުރާ ގުޅޭގޮތުން ޗައިނާއިން ބުނީ އެމެރިކާގެ ވަފުދުން ރަސްމީ ނުވަތަ ނުރަސްމީ ސިފައެއްގައި ތައިވާނުގެ އިސްވެރިންނާ ބައްދަލުކުރުމަކީ ތައިވާނުގެ މައްސަލަ އިތުރަށް ގޯސްވާނެކަމެއްކަމަށެވެ. ތައިވާނުގެ މައްސަލައިގައި އެމެރިކާގެ ބައިވެރިވުން އޮތުމަކީ ޗައިނާއިން އެކަމާ ވަރަށް ހިތްހަމަނުޖެހޭ އަދި ދެކޮޅުހަދާ ކަމެއްކަމަށްވެސް ޗައިނާއިންވަނީ ބުނެފައެވެ.