ކުޅިވަރު

އޭއެފްސީ ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗު ނޭޕާލްގައި



އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ދެކޮޅަށް ނޭޕާލުގައި ކުޅޭ ގޮތަށް ހަމަޖެހުމުން ކުލަބް އީގަލްސްއަށްވެސް ފައިދާތަކެއް ކުރާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ނިއުޓްރަލް ދަނޑެއްގައި ކުޅުނުމަށް އަބަހާނީއަށް ދިން ފުރުސަތުގައި އެގައުމުން ހުށައެޅީ ނޭޕާލްގައި މެޗް ކުޅުމަށެވެ. މިމެޗާބެހޭ ގޮތުން ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ އަބަހާނީގެ އަމިއްލަ ދަނޑު ބަންގްލަދޭޝްގައި މެޗް ކުޅެން ޖެހުނުނަމަ، މާ އުދަގޫވީސްކަމަށާއި އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ މިހާރު ޓީމަކަށް ނުނެގޭނެކަމަށްވެސް ޝާޒްލީ ބުނި. މިއީ ކުލަބް އީގަލްސްއަށް ލިބުނު ފައިދާއެއްކަމަށްވެސް ޝާޒްލީ ބުންޏެވެ. އަމިއްލަ ދަނޑުގައި ކުޅޭއިރު ވަރަށް ގިނަ ކަންތައްތަކުން ފައިދާ ނެގޭނެކަމަށާއި ސަޕޯޓަރުންގެ އެހީއަކީ މެޗުން މޮޅުވުމުގައި ވަރަށް ބޮޑު ބައެއްކަމަށްވެސް ޝާޒްލީ ބުންޏެވެ. ނަމަވެސް މިހާރު ނޭޕާލްގައި މެޗް ކުޅެން ޖެހިފައިވާއިރު، އީގަލްސްއަށް ބައެއް ކަންތައްތަކުން ފައިދާވާއިރު، އަނެއް ބައިކަންތައްތައް އުދަގޫވާނެކަމަށްވެސް ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ ނޭޕާލަކީ ދަތުރުފަތުރު ކުރުމުގައި އުދަގޫ ގައުމަކަށްވާއިރު، އަދި އުސްގައުމަކަށްވުމުން ނޭވާލާންވެސް އުދަގޫތަކެއް ހުންނާނެކަމަށެވެ. ނަމަވެސް ކުލަބް އީގަލްސްއިން މިކަމަށް ވަރަށް ރަގަނޅަށް ތައްޔާރުވާނެކަމަށާއި މިއީ ކުލަބް އީގަލްސްއަށްވެސް ވަރަށް މުހިންމު މެޗްއެއްކަމަށް ޝާޒްލީބުންޏެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ކަތަމަންޑޫގައި ހުންނަ ދަސްރަތު ސްޓޭޑިއަމްގައެވެ. އީގަލްސްއިން ކޮލިފައިންގެ ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ 2 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ