ޚަބަރު

ސުއޭޒު ކެނަލުގައި ތާށިވި އާގުބޯޓު މިޞްރުގައި ހިފަހައްޓައިފި


މިޞްރުގެ ސުއޭޒު ކެނަލުގައި އާގުބޯޓެއް ހުރަސްވެ އެ ސަރަޙައްދު ބަންދުވުމުން ލިބުނު ގެއްލުމުގެ ބަދަލު ދައްކަންދެން އެ އުޅަނދު ފުރިޔަނުދީ އެ ޤައުމުގައި ހިފަހައްޓައިފިއެވެ.

ޕަނަމާގައި ދަފުތަރުކޮށްގެން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރ ގިވަން ސުއޭޒު ކެނަލުގައި ހުރަސްވީ މާރިޗު މަހުގެ 23ވަނަ ދުވަހުއެވެ. އޭގެ ސަބަބުން ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒު ކެނަލު ހުރަސް ނުކުރެވި އެތައް ސަތޭކަ ބޯޓެއް އެ ކެނަލުގެ ދެ ފަރާތުގައި ތާށިވިއެވެ. އެ ބޯޓު ފުންކޮށް ސުއޭޒު ކެނަލު އާންމު ދަތުރުފަތުރަށް ހުޅުވާލެވުނީ 6 ދުވަސް ފަހުންނެވެ.

ސުއޭޒު ކެނަލު ހިންގާ މިޞްރުގެ ދަޢުލަތުގެ ޙިއްޞާ އޮންނަ ސުއޭޒު ކެނަލް އޮތޯރިޓީންވަނީ އެ ހާދިޘާ ތަހުޤީޤުކުރަން ފަށައިފައެވެ. ޖަޕާނުގެ ޝޮއި ކިސެން ކުންފުނިން ދުއްވާ އެ ބޯޓު އޮތީ ސުއޭޒު ކެނަލް ހިމެނޭ ސަރަޙައްދުގައި ބަނދަރުކޮށްފައެވެ. ސުއޭޒު ކެނަލް އޮތޯރިޓީން ބުނީ ކޯޓު ޢަމުރެއްގެ ދަށުން އެވަރ ގިވެން ފުރުން މަނާކޮށްފައިވާކަމަށެވެ. ބޯޓު ބީހުމުގެ ހާދިޘާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 916 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސުއޭޒު ކެނަލް އޮތޯރިޓީންވަނީ އެދިފައެވެ. ބޯޓު އިންޝުއާ ކޮށްފައިވާ ޔޫކޭ ކުލަބުން ބުނާ ގޮތުގައި އެ ޢަދަދުގެ ތެރޭގައި ބޯޓު ސަލާމަތްކުރުމަށް ހޭދަކުރި ޚަރަދުގެ ބަދަލުގެ ގޮތުގައި 300 މިލިއަން އެމެރިކާ ޑޮލަރާއި އެ ހާދިޘާގެ ސަބަބުން ސުއޭޒު ކެނަލް އޮތޯރިޓީއަށް ލިބުނު ނޭދެވޭ ސަމާލުކަމުގެ ބަދަލުގެ ގޮތުގައި 300 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށްވަނީ ހިމަނައިފައެވެ.

ސުއޭޒު ކެނަލް އޮތޯރިޓީން ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ޢަދަދަކީ އާދަޔާ ޚިލާފަށް ބޮޑު ޢަދަދެއް ނަމަވެސް ބޯޓުގެ ވެރިފަރާތާއި އިންޝުއަރަންސް ކުންފުނިން މައްސަލަ ޙައްލުކުރުމަށް ސުއޭޒު ކެނަލް އޮތޯރިޓީއަށް ރަނގަޅު ޢަދަދެއް ހުށަހަޅާފައިވާކަމަށް ޔޫކޭ ކުލަބުން ބުނެއެވެ. އަދި ބޯޓު ހިފެހެއްޓުމަށް ނިންމާފައިވާ ނިންމުމާމެދު ހިތާމަކުރާކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.