ޚަބަރު

އެމެރިކާގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާއާއި ރަޝިޔާ: ދިރާސާ


އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއާއި ރަޝިޔާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އަހަރަކު އެއްފަހަރު ނެރޭ އެނުއަލް ތުރެޓު އެސެސްމަންޓު ރިޕޯޓުގައި ބުނީ އެމެރިކާގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއާއި ރަޝިޔާކަމަށެވެ. އަދި އީރާނާއި އުތުރު ކޮރެޔާގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ބޮޑުކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ޗައިނާއާ ގުޅޭގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ އެ ޤައުމުގެ ނުފޫޒު އިތުރުކޮށް އެމެރިކާގެ ބާރު ކުޑަކުރުމަށް ޗައިނާގައި ވެރިކަންކުރާ ޗައިނީޒް ކޮމިއުނިސްޓު ޕާޓީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އެމެރިކާއާއި އެ ޤައުމުގެ ރަޙުމަތްތެރި ޤައުމުތަކާ ދެމެދު މައްސަލަ އުފެއްދުމަށްވެސް ޗައިނާއިން މަސައްކަތްކުރަމުންދާކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ. ޗައިނާގެ ހަރުކަށި ވެރިކަމުގެ ނިޒާމަށް ތާޢީދު ހޯދުމަށްވެސް އެ ޤައުމުން މަސައްކަތްކުރާކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ޗައިނާގެ މަސްލަހަތުތަކަށް ފައިދާކުރާ ޙާލަތްތަކުގައި އެ ޤައުމާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ޗައިނާއިން މަސައްކަތްކުރާކަމަށްވެސް ރިޕޯޓުގައިވަނީ ބުނެފައެވެ. އިންޓަނެޓު މެދުވެރިކޮށް ޙަމަލާތައް ދިނުމުގެ ޤާބިލިއްޔަތުކަން ޗައިނާއަށް ލިބިފައިވާކަމަށާއި އޭގެ ސަބަބުން އެމެރިކާއަށް ނުރައްކާއޮތްކަމަށްވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ރަޝިޔާއާ ގުޅޭގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާގެ ނުފޫޒު ކުޑަކޮށް ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ދެބަސްވުން އުފެއްދުމަށް ރަޝިޔާއިން މަސައްކަތްކުރާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަޞްރަޙުގައި ރަޝިޔާގެ މުހިންމުކަން އިތުރުކުރުމަށް އެ ޤައުމުން މަސައްކަތްކުރަމުންދާކަމަށާއި އިންޓަނެޓު މެދުވެރިކޮށް ރަޝިޔާއިންވެސް ޙަމަލާ ދިނުން ގާތްކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.

އީރާނާ ގުޅޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ އެ ޤައުމުގެ ނިޔުކުލިޔަރ މަޝްރޫޢުގެ މަޤުސަދު ސާފުނުވާކަމަށެވެ. އަދި އެ ޤައުމުން ނިޔުކުލިޔަރ ހަތިޔާރެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޤަބޫލުނުކުރެވޭކަމަށްވެސް ރިޕޯޓުގައިވަނީ ބުނެފައެވެ. ނަމަވެސް 2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކުރި ނިޔުކުލިޔަރ އެއްބަސްވުމުން އެމެރިކާގެ ކުރީގެ ސަރުކާރުން ވަކިވުމުން އެއްބަސްވުމާ ޚިލާފު ބައެއް ކަންކަން އީރާނުން ކުރަން ފަށާފައިވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އަދި އެމެރިކާއާއި އެމެރިކާގެ މަޞްލަޙަތާއި މެދުއިރުމައްޗާ ގުޅިފައިވާ ކަންކަމަށް އީރާނުގެ ނުރައްކާ އޮތްކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އުތުރު ކޮރެޔާއާ ގުޅޭގޮތުން ބުނެފައިވަނީ އެމެރިކާއަށާއި ދެކުނު ކޮރެޔާއަށާއި ޖަޕާނަށް އެ ޤައުމުގެ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. އެ ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރުކުރަމުންދާކަމަށާއި ނުރައްކާތެރި ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް އުތުރު ކޮރެޔާއިން ކުރާ މަސައްކަތަކީ ކަންބޮޑުވާކަމެއްކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއާއި ރަޝިޔާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކުރި ދިރާސާއަކުން ދައްކާފައިވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު މަދުކުރުމަށް އެ ޤައުމުން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. އެގޮތަށް އެމެރިކާއިން ޢަމަލުކުރަން ނިންމީ މެދުއިރުމަތި ނޫން އެހެން ސަރަޙައްދުތަކުން އެ ޤައުމަށް އޮތް ނުރައްކާ ބޮޑުކަމަށް ބެލެވޭތީކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.