ޚަބަރު

ރައްޔިތުން އެދޭނަމަ ރައީސްކަމަށް ކުރިމަތިލާނަން: ޑުވައިން ޖޮންސަން


އެމެރިކާގެ މަޝްހޫރު ފިލުމީތަރި ޑުވައިން ޖޮންސަން އެ ޤައުމުގެ ރައީސްކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާކަމަށް ބުނެފިއެވެ. އޭނާ އެހެން ބުނީ ކޮންސިއުމާ ޓުރޭޑު ކުންފުންޏެއްކަމަށްވާ ޕިޕިސުލޭއިން މިދިޔަ ހަފުތާގެ ތެރޭގައި އާންމުކުރި ދިރާސާއެއްގެ ނަތީޖާއިން އެމެރިކާގެ ރައީސްކަމަށް ޖޮންސަން ކުރިމަތިލައިފިނަމަ އެ ޤައުމުގެ 46 އިންސައްތަ ރައްޔިތުން އޭނާއަށް ވޯޓުލާނެކަން ދައްކާފައިވަނިކޮށެވެ.

އުމުރުން 48 އަހަރުގެ ޖޮންސަނަކީ އެމެރިކާގެ އެންމެ މަޤުބޫލު އަދި އެންމެ އަގުބޮޑު އެއް ފިލުމީ ތަރިއެވެ. ރައީސްކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާކަމުގެ އިޝާރާތްތައް މީގެ ކުރިންވެސް އޭނާވަނީ ދީފައެވެ.

ރެސްލިން ތެޅުމުގައިވެސް ގިނަ އަހަރުތަކެއް ވަންދެން ޙަރަކާތްތެރިވެ ދަ ރޮކުގެ ނަމުން މަޝްހޫރުކަން ހޯދި ޖޮންސަން ބުނީ ޤައުމުގައި އެއްބައިވަންތަކަން ޤާއިމުކުރަމަކީ އޭނާ އަބަދުވެސް ބޭނުންވާކަމެއްކަމަށެވެ. އެމެރިކާގެ ރައްޔިތުން އެދެނީ އޭނާ ރައީސްކަމަށް ކުރިމަތިލުމަށްކަމަށްވާނަމަ އޭނާ އެގޮތަށް ކުރިމަތިލާނެކަމަށް ޖޮންސަން ބުންޏެވެ. ނަމަވެސް އޭނާ ތަމްޞީލުކުރާނީ ކޮން ސިޔާސީ ޕާޓީއެއްކަމެއް ނުވަތަ ވެރިކަމަށް ކުރިމަތިލާނީ ކޮންއިރަކުންކަމެއް ނުބުނެއެވެ. ނަމަވެސް އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ އޭނާއަށް ލިބޭނެ ޝަރަފެއްކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ މަޝްހޫރު ގިނަ ތަރިންތަކެއްވަނީ އެމެރިކާގެ ސިޔާސީ މަޤާމުތަކަށް މީގެ ކުރިން ކުރިމަތިލައިފައެވެ. އެގޮތުން މަޝްހޫރު ފިލުމީ ތަރި އާނޮލްޑު ޝުވާޒެނެގަރވަނީ ސިޔާސީ ދާއިރާއަށް ނުކުމެ ކާމިޔާބީތަކެއް ހޯދަައިފައެވެ. އެމެރިކާގެ ރައީސްކަން އެންމެ ފަހުން ކުރެއްވި ޑޮނަލްޑު ޓުރަންޕަކީވެސް އެފަދަ ބޭފުޅެކެވެ. މަޝްހޫރު ފިލްމީ ތަރިންކަމަށްވާ މެތިއު މެކާނެހޭއާއި ކެއިޓުލިން ޖެނަރފަދަ ބައެއް ތަރިންވެސް ގަވަރުނަރުގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާކަމަށްވަނީ ބުނެފައެވެ.