ޚަބަރު

ވެކްސިން ބޭރުކުރުން މެދުކަނޑާލުމަށްފަހު އިންޑިޔާއިން ވެކްސިން އެތެރެކުރަނީ


ބޭރުގެ ކުންފުނިތަކުން އުފައްދާފައިވާ ކޯވިޑް-19ގެ ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދިނުމަށް އިންޑިޔާއިން ގޮވާލައިފިއެވެ. އިންޑިޔާއިން އެހެން އެދިފައިވަނީ އެ ޤައުމުގައި އުފައްދާ ކޯވިޑް-19ގެ ވެކްސިން އެހެން ޤައުމުތަކަށް ބޭރުކުރުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުގެ ގޮތުގައި އޮތް އިންޑިޔާގައި މިހާތަނަށް 13.7 މިލިއަން މީހުންނަށް ބަލިޖެހި 171،205 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޯވިޑް-19ގެ ވެކްސިނާއި އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ބޭރު ޤައުމުތަކަށް ބޭރުކުރުން އިންޑިޔާއިން މެދުކަނޑާލާފައިވަނީ އެ ޤައުމުގެ ރައްޔިތުންނަށް ފުދޭ މިންވަރަށް އެ ތަކެތި ކަށަވަރުކުރުމަށެވެ. އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއާއި އެމެރިކާއާއި ޖަޕާނާއި އިނގިރޭސިވިލާތާއި ވިލާތުގެ ޤައުމުތަކުން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ ކޯވިޑް-19ގެ ވެކްސިން އިންޑިޔާގައި ބޭނުންކުރުމުގެ ޙުއްދައެއް ބޭނުންވާކަމަށެވެ.

ފައިޒާއިން މީގެ ކުރިންވަނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން އިންޑިޔާގައި ބޭނުންކުރުމުގެ ޙުއްދައަށް އެދިފައެވެ. ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އިންޑިޔާގެ އިދާރާތަކުގައި އެ ކުންފުނިން އެދިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެ ކުންފުނިންވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ. ފައިޒާއިން ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ކުންފުނީގެ ވެކްސިނަށް ޙުއްދަ ހޯދުމަށް އަލުން އެދޭނެކަމަށެވެ.

އިންޑިޔާގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިންގެ 108 މިލިއަން ޑޯޒުވަނީ ދީފައެވެ. އަދި އިންޑިޔާއިންވަނީ ބޭރު ޤައުމުތަކަށް ވެކްސިންގެ 54.6 މިލިއަން ޑޯޒު ވިއްކައި އެކުވެރި ޤައުމުތަކަށް ވެކްސިންގެ 10 މިލިއަނަށްވުރެ ގިނަ ޑޯޒުވަނީ ހަދިޔާކޮށްފައެވެ. އިންޑިޔާގައި ބޭނުންކުރަނީ އެސްޓުރަޒެނެކާގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އެ ޤައުމުގައި ތައްޔާރުކުރާ ކޮވިޝިލްޑު ވެކްސިނާއި އެ ޤައުމުގެ ބަރަތު ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނެކެވެ. މިމަހުގެ ކުރީކޮޅު އެ ޤައުމުންވަނީ ރަޝިޔާގެ ސްޕަޓުނިކު ފަހެއް ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.