ކުޅިވަރު

ދުންތަރި މުބާރާތް ބޭއްވޭނެ ކަމާމެދު ޓީޓީ އެސޯސިއޭޝަން ސުވާލު އުފައްދައިފި


ރަމަޟާން މަހަށް ހާއްސަކޮށް ބާއްވާ ދުންތަރި ޓޭބަލް ޓެނިސް މުބާރާތް މި އަހަރު ރަމަޟާން މަހު ވެސް ބޭއްވޭނެ ކަމާމެދު ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ސުވާލު އުފައްދައިފިއެވެ.

ޕީ.އެސް.އެމް އަށް މައުލޫމާތު ދެމުން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާ ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ރޯދަމަހުވެސް ދުންތަރި މުބާރާތް ބޭއްވޭނެ ކަމުގެ ޔަޤީންކަމެއް ނެތްކަމަށެވެ. މުބާރާތް މިއަހަރު ބޭއްވޭނެކަމުގެ ކުޑަ ނަމަވެސް އުއްމީދެއް ދެވޭނީ ކުރިޔަށް އޮތް އެކްސްކޯ މީޓިން އަށްފަހު، ކޮމިޓީ ބޭފުޅުން ނިންމާ ގޮތެއްގެ މަތިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް މައުލޫމާތު ދެއްވަމުން ސުޖާ ވިދާޅުވީ، އެސޯސިއޭޝަނުން ހިންގާ ދުންތަރި މުބާރާތަކީ އިޖްތިމާއީ ކަމެއް ގޮތަށް ރާވާ ހިންގާ މުބާރާތެއް ކަމަށާ، މި މުބާރާތުގެ މަޤްސަދަކީ ޓީޓީ އާއިލާގެ މެދުގަ ގުޅުން ބަދަހި ކުރުމަށް އޭނާ ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ބައިވެރިވެގެން ބާއްވާ މި މުބާރާތުގައި މޮޅުވާ ޓީމަށް މެޑަލާ ޓްރޮފީ ދޭ ކަމަށާއި، މިއީ ކުރީގެ ޓޭބަލް ޓެނިސް ޗެމްޕިއަން މަރުހޫމް ދުންތަރި އިބްރާހިމް މަނިކްގެ ހަދާނުގަ، ދުންތަރި އާއިލާއާ، އެސޯސިއޭޝަން ގުޅިގެން ބާއްވާ މުބާރާތެއްކަން ވެސް ސުޖާ ވަނީ ފާހަގަކޮށްފައެވެ.