ޚަބަރު

ކަދުރެއްގެ މިންވަރުވިއަސް ޞަދަގާތްކުރާށެވެ!


މާތް ﷲ އަޅުގަނޑުމެންނަށް މިދުނިޔޭގައި ދެއްވަވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. މި ނިޢުމަތްތައް ހެޔޮކަމުގެ މަގުގައި ނުވަތަ ނުރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ލިބިގެންވާއިރު، ބުއްދިވެރިޔަކީ މި ނިޢުމަތްތަކުގެ ބޭނުން، އުޚްރަވީ ޙަޔާތައް މަންފާކުރަނިވި ގޮތެއްގައި ހިފާ މީހާއެވެ.

މިގޮތުން މުދަލާ ފައިސާއަކީވެސް ހެޔޮކަމުގެ މަގުގައި ބޭނުންކުރެވިއްޖެނަމަ އުޚްރަވީ ޙަޔާތަށް އޭގެ ހެޔޮ އަސަރު ކުރުވާނެ މަތިވެރި ނިޢުމަތެކެވެ. މީސްތަކުންނަށް އޭނާގެ މުދަލުން ހެޔޮފޯރުވާ ޞަދަޤާތްކޮށް އުޅޭ މީހާއަށް ޤިޔާމަތް ދުވަހުން ޞަދަޤާތުގެ އަހްލުވެރީންނަށް ސުވަރުގޭގައި މާތް ﷲ ޚާއްޞަކުރައްވާފައިވާ ދޮރުކޮޅުން ވަނުމަށް ގޮވާލެވޭނެކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ.

އަދި ހެޔޮކަމުގެ މަގުގައި މުދާ ހޭދަކޮށް ޞަދަޤާތްކޮށް އުޅުމަކީ އޭނާގެ މުދާ އިތުރުކުރައްވާ ރިޒްޤުގައި ބަރަކާތްލެއްވުން އެދި މަލާއިކަތުން މާތް ﷲ އަށް ދުޢާ ދަންނަވާނޭ ކަމެއް ކަމުގައި ރަސޫލާ ﷺ ޙަދީޘްކުރައްވާ އަންގަވާދެއްވާފައިވެއެވެ. މުދަލާ ފައިސާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވެ ހެޔޮގޮތުގައި ހޭދަކުރި މީހުންނަށް ޤިޔާމަތް ދުވަހުން މާތް ﷲ ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވާނެތެވެ.

މީގެ އިތުރުން ޞަދަޤާތް ކުރުމަކީ މީހާއަށް ކުރެވޭ ފާފަތައް ފޮހެލަދޭ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި މުޢާޛް ބުން ޖަބަލަށް ދެއްވި ނަޞޭޙަތްޕުޅެއްގެ ތެރޭގައި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "(ކަލޭގެފާނު ދަންނާށެވެ!) އަދި އަލިފާން ނިއްވާލާ ފަދައިން، ޞަދަޤާތް ކުށްފާފަތަށް ފޮހެލައެވެ."

އިންސާނުންނަކީ މުދަލާ ފައިސާއަށް ނުހަނު ލޯބިކުރާ ބައެކެވެ. ކަޢުބު ބުން ޢިޔާޟުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. "ހަމަކަށަވަރުން ކޮންމެ އުންމަތަކަށްވެސް ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ." އެހެންކަމުން މުދަލާ ފައިސާއިން މާތް ﷲ މި އުންމަތުގެ އަހްލުވެރީން އިމްތިޙާނު ކުރައްވާނޭކަން އެނގޭއިރު، މުދަލަށް ހިތްޖެހުން ކުޑަކޮށް ރައްކާތެރިވުމަށް ވީ މިންވަރަކުން ޞަދަޤާތް ފޯރުވާ އުޅެވޭތޯ ބެލުމަކީ ނުހަނު މުހިންމު ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އަތްމަތި މާ ތަނަވަސް ނޫން މީހުންނެވެ. އެހެން ނަމަވެސް ވީ މިންވަރަކުން ޞަދަޤާތެއް ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. އެހެނީ ޞަދަޤާތް ކުރުމަކީ މާތް ﷲ މުދާ އިތުރުކުރައްވާ، އެމުދަލުގައި ބަރަކާތް ލައްވާ ހެޔޮކަންކަމަށް މަގުފަހި ކުރުވާނޭ ކަމެކެވެ. ޞައްޙަ ޙަދީޘްފުޅެއްގައިވެއެވެ. "ޞަދަޤާތް ދީގެން މުދާ މަދެއް ނުވެއެވެ!"

އަދި ޞަދަޤާތް ކުރުމަކީ ވަކި މިނެއް އޮންނަ ކަމެއް ނޫނެވެ. ތިމާއަށް ވީ މިންވަރަކުން ޞަދަޤާތް ކުރަންވީއެވެ. ކަދުރު ފަޅިއެއްގެ މިންވަރު ޞަދަޤާތް ކޮށްގެން ނަމަވެސް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށް މާތް ނަބިއްޔާ އަޅުގަނޑުމެންނަށް އިރުޝާދުދެއްވަވާފައިވެއެވެ. އަދި ކަދުރެއްގެ މިންވަރު ޞަދަޤާތްކުރާމީހާގެ ޞަދަޤާތްވެސް މާތް ﷲ އެ ޤަބޫލުކުރައްވާ، ފަރުބަދައެއްހާ އިތުރުކުރައްވާނޭކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ.