ކުޅިވަރު

ސައުތުހެމްޓަންއާ ވާދަކޮށް ވެސްޓް ބްރޮމް މެޗް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ސައުތެމްޓަން ބައްދަލުކުރިމެޗް ވެސްޓް ބްރޮމް ކާމިޔާބުކޮށް ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރަމުންދާ އުންމީދުތައް އާކޮށްފިއެވެ. ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސައުތެމްޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ބްރޮމްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ވެސްޓް ބްރޮމްގެ މެތިއަސް ޕެރެއިރާއެވެ. އަދި އޭގެ ތިން މިނެޓް ފަހުން ވެސްޓް ބްރޮމްގެ މެޓް ފިލިޕްސް ވަނީ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ވެސްޓް ބްރޮމްގެ އެމްބާޔޭ ޑިއާންގް ޖެހި ގޯލެއް ވަނީ މެޗްގެ އޮފިޝަލުން އޮފްސައިޑް ކަމަށް ދައްކާފައެވެ. އަދި ވީއޭއާރުން ބެލުމަށްފަހު ގޮތެއް ނިންމަން ނޭނގުމުން މެޗްގެ އޮފިޝަލުންގެ ނިންމުން އޮތްގޮތަށް ބޭއްވީއެވެ. މިމެޗްގައި ވެސްޓް ބްރޮމްއިން ޖެހި ފަހު ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ ކެލުމް ރޮބިންސަންއެވެ. މިމެޗްގެ އިތުރު ވަގުތުގައި ސައުތެމްޓަންއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން ޖޭމްސް ވަރޑް ޕްރޯސް ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ވެސްޓް ބްރޮމްއަށް މިހާރުވަނީ ކުޅުނު 31 މެޗުން 24 ޕޮއިންޓް ލިބިފައެެވެ. މިއީ މިފަހަރުގެ ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމް ޖެހިޖެހިގެން މޮޅުވި ދެވަނަ މެޗެވެ. އަދި މިއީ އަމިއްލަ ދަނޑުގައި 2016 ވަނަ އަހަރަށްފަހު މިހާބޮޑު ތަފާތަކުން މޮޅުވި ފުރަތަމަ މެޗެވެ. ޖެހިޖެހިގެން ދެމެޗުން ގިނަ ލަނޑު ތަކެއް ޖަހައިގެން ވެސްޓް ބްރޮމް މޮޅުވުމުން އެޓީމުން ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ދިރުމެއް އައިސް ހިތްވަރު އާވެފައެވެ. ނަމަވެސް ލީފުގައި މިހާރު ބާކީ 7 މެޗް އޮތް އިރު 17 ވަނައިގާ އުޅޭ ނިއުކާސްލް ޔުނައިޓެޑާއި ދެމެދު 8 ޕޮއިންޓްގެ ތަފާތެއް އެބަހުންޓެވެ. މިމެޗުން ބަލިވި ސައުތެމްޓަން އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.