ކުޅިވަރު

ސަންސް އާއި ހިއުސްޓަން ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ.
ސިކްސަރސް މެޗު ކާމިޔާބުކުރީ 113 ޕޮއިންޓް 95 ޕޮއިންޓުންނެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 36 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާފައެވެ. އަދި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 32 ޕޮއިންޓް ހޯދައިދީފައެވެ.

މީގެއިތުރުން މުބާރާތުގައި ފީނިކްސް ސަންސްއާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗް ސަންސް ކާމިޔާބުކުރީ 126 ޕޮއިންޓް 120 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 7 އެސިސްޓް ދިން ޑެވިން ބޫކަރއެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައިދިން ކްރިސްޓިއަން ވުޑްއެވެ.

މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސްއާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 125 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގައި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 14 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ އެޓީމަށް 42 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން އަދިވެސް މުޅިން އަރައިގަނެވޭގޮތްވަނީ ނުވެފައެވެ. މިގޮތުން ލޭކަރސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 96 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. ނިއުއޯލިއަންސް ޕެލިކަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 110 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 101 ޕޮއިންޓު 90 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. އަދި ސެން އެންޓޯނިއޯ ސްޕަރސްއާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 120 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ.