ޚަބަރު

ނަޠަންޒަށް ޙަމަލާދިނީ އިސްރާއީލުން، ބަދަލު ހިފާނަން: އީރާނު


އީރާނުގެ ނަޠަންޒުގައި ހުންނަ ނިޔުކުލިޔަރ މަރުކަޒުން ކަރަންޓު ކަނޑާލައި އެ މަރުކަރުން ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫއެރުވީ އިސްރާއީލުންކަމަށް އީރާނުން ބުނެފިއެވެ.

އީރާނިޔަން ނިޔުކުލިޔަރ އޭޖެންސީން ބުނީ ނަޠަންޒުގައި ގޮވުމުގެ ޙާދިޘާއެއް ހިނގާފައިވާކަމަށެވެ. އެ ގޮވުން މެދުވެރިވީ ކަރަންޓަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށާއި އެ ހާދިޘާގެ ސަބަބުން އެ މަރުކަޒަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް އެ ވުޒާރާއިން ބުނެއެވެ. ކުއްލި ޙާލަތްތަކުގައި ކަރަންޓު ފޯރުކޮށްދޭ ނިޒާމެއް ބޭނުންކޮށްގެން އެ މަރުކަޒަށް ކަރަންޓު ދީފައިވާކަމަށާއި މެދުކެނޑުމެއްނެތި މަސައްކަތްތައް އެ މަރުކަޒުގައި ކުރިޔަށްދާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ނަޠަންޒުން ކަރަންޓު ކަނޑާލުމުގެ ޙާދިޘާއެއް ހިނގާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ ނިޔުކުލިޔަރ އެއްބަސްވުމަށް ޢަމަލުކުރަން އަލުން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ނިޔުކުލިޔަރ ހަކަތަ އުފެއްދުމަށް އެ ޤައުމުން ކުރާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންކަން ކުރަން ފަށައިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފުވަނީ ނަތަންޒުގައި ހިނގި ހާދިޘާއަކީ އިސްރާއީލުން ދިން ޙާމަލައެއްކަމަށް ވިދާޅުވެފައެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ކުރާ މަސައްކަތުގައި އެ ޤައުމުން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން އެ ޤައުމާ ދެކޮޅަށް ބަދަލުހިފުމަށް އިސްރާއީލުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ފުރުޞަތު އީރާނުން ނުދޭނެކަމަށާއި ނިޔުކުލިޔަރ ޙަރަކާތްތަކަށް ހުރަސްއެޅުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކުގެ ސަބަބުން ނިއުކުލިޔަރ މަޝްވަރާތަކަށް އަސަރުކުރިޔަ ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލާ ދެކޮޅަށް އީރާނުން ބަދަލު ހިފާނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިޔުކުލިޔަރ މަރުކަޒަކަށް ޙަމަލާދިނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުންކަމަށް އިސްރާއީލުގެ ނޫސްއިދާރާތަކުންވަނީ ބުނެފައެވެ. ނަމަވެސް އެ ޙަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ޙަމަލާގައި އެމެރިކާގެ ބައިވެރިވުމެއް ނުވާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިސްރާއީލުންވަނީ އެފަދަ ޙަމަލާތައް އީރާނާ ދެކޮޅަށް ދީފައެވެ.