ޚަބަރު

ކޯވިޑް-19ން އަރައިގަނެވެން އަދި ކައިރިވެސް ނުވޭ: ޓެޑުރޮސް

ކޯވިޑް-19ން އަރައިގަތުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެއްޖެއެވެ.

މިހާތަނަށް 137 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 2.9 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި ހަތް ހަފުތާގެ ތެރޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 9 އިންސައްތަ އިތުރުވެފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 5 އިންސައްތަ އިތުރުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓެޑުރޮސް ވިދާޅުވީ މިހާތަނަށް 780 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދިން ނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށެވެ. ޑަބްލިއުއެޗުއޯއިންވެސް ދެކެން ބޭނުންވަނީ މުޖުތަމަޢުތައް އަލުން ހުޅުވާލައި ދަތުރުފަތުރާއި ވިޔަފާރީތައް އަލުން ފެށުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގިނަ ޤައުމުތަކުގައި ޙާލުބޮޑު ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫތައް އަދިވެސް ހުރީ ފުރިފައިކަމަށާއި ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަލިފެތުރުން ހުއްޓުމަށް ގިނަ ދުވަސްތަކެއް ނެގި ނަމަވެސް އުންމީދު އައުވާފަދަ ކަންކަން އެބަހުރިކަމަށް ޓެޑުރޮސް ފާހަގަކުރެއްވިއެވެ. މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ބަލި ފެތުރުނު މިންވަރާއި މަރުވި މީހުންގެ ޢަދަދު ދަށަށް ދިޔުމަކީ ކޯވިޑް-19އަކީ ހުއްޓުވޭނެ ބަޔެއްކަން ހާމަކޮށްދޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަލި ފެތުރޭ މިންވަރު އިތުރުވާ ސަބަބަކީ އާންމު ޞިއްޙަތާބެހޭ ފިޔަވަޅުތައް އެޅުމުގައި ގެންގުޅޭ އުޞޫލުތައް ރަނގަޅަށް ތަންފީޒުނުކުރެވުމާއި އަޅަމުންދާ ފިޔަވަޅުތަކާމެދު އޮންނަ ޔަޤީންކަން ކުޑަވުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރަނގަޅަށް ފިޔަވަޅުތައް އެޅިއްޖެނަމަ އަދިވެސް ބަލި ފެތުރުން ކޮންޓުރޯލު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި ބައެއް ޤައުމުތަކުގެ ރެސްޓޯރަންޓުތަކާއި ކެފޭތައްފަދަ ތަންތަނާއި ބާޒާރުތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތި ހުޅުވާފައިވާކަމަށެވެ. އަދި ކޯވިޑް-19 ޖެހުމަކީ މާބޮޑު މައްސަލައެއް ނޫންކަމަށް ބައެއް މީހުން ޤަބޫލުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.