ޚަބަރު

މިއަހަރުވެސް އިޙްޔާ ފޯރަމް އޮންނާނެ، ވަދެވޭނީ މަދުބަޔަކަށް


ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމް ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެވެ. އެގޮތުން އެހެން އަހަރުތަކޭ އެގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމް ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް މިއަހަރުގެ މި ފޯރަމް ކުރިއަށް ދާނީ އެހެން އަހަރުތަކާ ތަފާތުކޮށެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިރޯދަމަހުވެސް އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެރެއެވެ. ކޮންމެ އަހަރެއްގައިވެސް އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ގިނަ ބަޔަކު ޖަމާވެއެވެ. ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުންވެސް މި ފޯރަމްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ.

އެހެންނަމަވެސް ކޯވިޑްގެ ނުރައްކާތެރިކަން އަދު މުޅިން ފިލައިގެންގޮސްފައި ނުވާތީ މި އަޖަރުގެ ފޯރަމްތައް ހަމަޖައްސާފައިވަނީ ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ވަކި އަދަދަކަށްް މީހުންނަށް ވަދެވޭ ގޮތަށެވެ. ގިނަ ބަޔަކަށް ނުވެދެވުނު ނަމަވެސް މިއަހަރުވެސް މި ފޯރަމް ޓީވީއެމުން ލައިވްކޮށް ދައްކާނެއެވެ. ވޭތުވެދިޔަ އަހަރުގެ ރަމަޞާންމަހުގައިވެސް އިޙްޔާ ފޯރަމް ކުރިއަށްގެންދިޔައީ ޓީވީއާއި އޮންލައިންކޮށެވެ.

މީގެ ކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ.

ކޮންމެ އަހަރެއްގެ ރަމަޞާންމަހު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށްޓަކައި ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައެވެ. މިއަހަރުވެސް މިފަދަ ޢިލްމުވެރިން ތަޤްރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ. ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެރޭ އޮންނަ ގެނެސްދޭ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫތަކަކީ، ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެވެ.

ރަމަޞާން މަހަކީ ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމާއި ދީނަށް އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އެކި ހަރަކާތްތައް ކުރިއަށްގެންދާ ދުވަސްވަރެކެވެ. މިގޮތުން އިޙްޔާ ފޯރަމްތަކުގެ އިތުރަށް އަޞުރުނަމާދަށް ފަހު މިސްކިތްތަކުގައި ކުރިޔަށް ގެންދާ ދަރުސްތައް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.މި ދަރުސްތައް ޕީއެސްއެމްގެ މުންނާރު ޗެނަލުން ލައިވްކޮށް ދައްކާނެއެވެ. މީގެއިތުރުން ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަންގާރަދުވަހުގެރޭ 21:30ގައި އޮންނަ ޒުވާނުންގެ ފޯރަމްވެސް މުންނާރު ޗެނަލުން ދައްކާނެއެވެ.