ޚަބަރު

ބޮއިކޮޓްކުރަން ގޮވިޔަސް، އޭގެ އަސަރެއް ނުކުރާނެ- މިނިސްޓަރ


ދިވެހި ސަރުކާރުން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުވައިގެން، ބައެއް ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތް ބޮއިކޮޓް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ކުރާނޭކަމަށް ޤަބޫލް ނުކުރެއްވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިއްލާންކުރުމާއި އެކު، ދަނޑިވަޅުގެ ބޭނުން ހިފައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމް ބޮއިކޮޓްކޮށް ފުނޑު ފުނޑު ކޮށް ލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޕްރޮގްރާމްތަކަށް ހުއްޓުމެއް ނާރާނޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތުގެ އިއްލާނާއި ގުޅުވައިގެން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގެ އަގުވެއްޓޭފަދަ ގޮތައް ހަޤީގަތާއި ޚިލާފް ވާހަކަތައް ފަތުރަމުންދާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެ، ބޭރުގެ މީޑިއާތައް ބޭނުން ކޮށްގެން ރާއްޖެއަކީ ފަތުރުވެރި މަންޒިލެއް ނޫންކަން ބަޔާން ކުރާފަދަ ލިޔުންތައް ޝާއިއްކޮށް، ބޭރުގެ ފާރާތްތަކާއި، ފަތުރުވެރިންނަށް މައްލޫމާތު އޮޅޭ ފަދަ ގޮތް ގޮތައް ޚަބަރު ފަތުރަމުންދާކަމަށެވެ. އަދި ސަރުކާރުން މިކަމާއި މެދު ޑީލް ކުރަމުންދަނީ ވަރަށް ހިކްމަތް ތެރިކަމާއި އެކުގައި ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ ބޭރުގެ މިޝަންތަކާއި،ޓުއަރ އޮޕަރޭޓަރުންނާއި، ރާއްޖޭގެ ކަމާއި ގުޅުން ހުރި އިދާރާތައް ބޭނުންކޮށްގެން ޞައްހަ މައްލޫމާތު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، ރައީސަށް ދިން ޙަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހްޤީގްގެ ތެރެއިން ފަތުރުވެރިކަމާއި ގުޅުން ހުރި ގިނަކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށާއި، އެހެނަސް ސަރުކާރުން އެކަންތައް ތަކުގެ ތެރެއަށް ސީދާ ވަންނަން ބޭނުން ނުވާކަމަށް.އަދި މިހާރު އެކަންކަން ބެލުމަށް ކަމާއި ގުޅުން ހުރި މިނިވަން މުއައްސަސާތަކާއި ޙަވާލުކުރެވިފައިވާއިރު، ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނީ އެމުއައްސަސާތަކުން ނެރޭ ނުވަތަ އާއްމު ކުރާ ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.