ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ވަނީ ފަށާފައެވެ. ދެޑޯޒަކަށް ބަހަލައިގެން ދޭންޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދެލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންވަނީ ޖަހާފައެވެ. ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާފަހުން ދެވަނަ ޑޯޒް މިމަހުގެ 3 ވަނަ ދުވަހު ޖަހަން ފަށާފައިވާއިރު މިހާތަނަށް ފަނަރަ ހާހަށްވުރެ ގިނަ މީހުންވަނީ ދެވަނަ ޑޯޒްޖަހާފައެވެ.
ވެކްސިންގެ ފޯރި ރާއްޖޭގައި މެދުމިންވަރެއްގައި ހިފެހެއްޓިފައިވަނިކޮށް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާންކުރުމާއި ގުޅިގެން ވެކްސިން ކިއޫތަކުގެ ބާރުވަނީ ބޮޑުވެފައެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ދިގު ކިއޫތަކެއް ހަދާ ވެކްސިން ޖެހުމަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ. މިއިންވެސް ފާހަގަވެގެންދަނީ ރޯދައިގެ ކުރިން ވެކްސިންޖެހުމަށް ގިނަބަޔަކު އިސްކަން ދީފައިވާކަމެވެ.
ރަމަޟާންމަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނީ ރޭގަނޑު ކަމަށް މީގެކުރިން އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ. އަދި ވަކި ގަޑިއެއް ކަނޑައަޅާ އަންގާފައިނުވި ނަމަވެސް ވަރަށް އަވަހަށް ގަޑި ޢާއްމުކުރާނެ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މާލޭގައި މިވަގުތު ފުރަތަމަ ޑޯޒް ޖަހަމުންދަނީ ރައްޔިތުންގެ މަޖިލީހުގައާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި އާޓް ގެލެރީގައާއި ސެނެހިޔާގެ އިތުރުން ހުޅުމާލޭ ފްލޫ ކްލިނިކާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައެވެ.
ކޯވިޑް-19 ފެތުރެން ފެށިފަހުން ބައްދަލުކުރާ ދެވަނަ ރަމަޟާންމަސް ވެގެންދަނީ އާ ޢާއްމު ޙާލަތުގައި ހޭދަކުރާ މަހަކަށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހު ފުރަބަންދެއްގައި ހޭދަކުރި ބަރަކާތްތެރި ރަމަޟާންމަހަކީ އެކި ގޮތްގޮތުން ދަތި މަހެކެވެ. އެހެންނަމަވެސް މިހާރު މިއޮތް ޙާލަތުގައި ބަލީގެ ނުރައްކާ ބޮޑުވިޔަ ނުދީ މިމަސްތެރޭގައިވެސް ހިފެހެއްޓޭނީ ރައްކާތެރިކަމަށް އިސްކަންދީގެންނެވެ. އެގޮތުން މާސްކު އެޅުމާއި ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް މުހިއްމުކަމެކެވެ. ހަމައެއާއެކު މިދުވަސްވަރު ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ވެކްސިންޖެހުމަކީވެސް މުހިއްމުކަމެކެވެ.