ވިޔަފާރި

ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާއަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އެންމެ ފުރަތަމަ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ހައިރައިޒުން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ނަން ހުށައެޅުމުގެ ފުރުސަތު އިތުރުކޮށްފައެވެ.

މިއެވޯޑަށް ނޮމިނޭޓްވުމަށް އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށައެޅޭނެކަމަށްވެސް ހައިރައިޒުން ބުނެއެވެ. ހައިރައިޒުން ބުނީ ނަން ހުށައެޅުމުގެ މުއްދަތު އިތުރުކުރީ ގިނަ ތަންތަނަށް ފުރުސަތު ދިނުމުގެ ބޭނުމުގައިކަމަށެވެ. ކޯވިޑް19އިގެ ސަބަބުން ބައެއް ތަންތަނަށް ނަން ހުށައެޅުމަށް ދަތިތަކެއް ހުރިކަން ހައިރައިޒުން ފާހަގަކުރެއެވެ.

ސަޓާ އެވޯޑް ބާއްވާ ހައިރައިޒުން ބުނީ މިއަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު 52 ކެޓަގަރީއަކުން ހުޅުވާލާފައިވާ ކަމަށެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ބްރޭންޑްތަކާއި، ވިޒިޓާރސް ޗޮއިސް އެވޯޑަކާއި، ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ހިމެނެއެވެ.

ސަޓާ އެވޯޑަށް ދެކުނު އޭޝިއާގައި ހިމެނޭ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ރާއްޖެ، އަދި ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ކުރިމަތިލައެވެ. ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ސަޓާ އެވޯޑު ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައިވެސް ރާއްޖެއަށްވަނީ ގިނަ ކެޓަގަރީތަކަކުން އެވޯޑް ލިބިފައެވެ.

މިއީ ސަޓާ އެވޯޑު ބާއްވާ 6 ވަނަ ފަހަރެވެ. ސަޓާ އެވޯޑްގެ ފުރަތަމަ ހަފްލާ 2016 ވަނަ އަހަރު ލަންކާގައި ބޭއްވިއިރު 2019 ވަނަ އަހަރުވެސް މި ހަފްލާ އޮތީ އެޤައުމުގައެވެ. 2017 ވަނައަހަރުގެ އެވޯޑް ނައިޓް ރާއްޖޭގައި ބޭއްވިއިރު ޖެހިގެން އައި އަހަރު އެ ހަފްލާ އޮތީ އިންޑިއާގައެވެ. މިއަހަރުގެ އެވޯޑް ނައިޓް ބާއްވާނެ ވަކި ޤައުމެއް ސަޓާއިން އަދި އިޢުލާނެއް ނުކުރެއެވެ.