ވިޔަފާރި

އަހަރުގެ މިހާތަނަށް ރާއްޖެއަށް 333،000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 333,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނުފަހުން މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖަނަވަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިންވަނީ އައިސްފައެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާރޗް މަހު ރާއްޖެއަށް 109،585 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް 35،358 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 333،928 އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5،516 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 2،971 ފަތުރުވެރިން ވަނީ އައިސްފައެވެ. ފެބްރުއަރީ މަހު 3،460 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 3،535 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް އައިސްފައިވަނީ 3536 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %23 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.

ކޯވިޑް-19އަށްފަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 703 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މިއާއެކު 46،451 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރެއިން %75 އެނދު ހުޅުވާފައިވަނީ ރިސޯޓްތަކުންނެވެ. %16 ގެސްޓްހައުސްތަކުން ހުޅުވާފައިވާއިރު %6 ސަފާރީތަކުން އަދި %3 އަކީ ހޮޓެލްތަކުން އަލުން އޮޕަރޭޝަނަށް ނެރެފައިވާ އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.