ކުޅިވަރު

ސެރިއޭގައި އިންޓަރ މިލާނުން 11 ޕޮއިންޓްގެ ލީޑެއް ނަގައިފި


އިޓާލިއަން ސެރީއާގައި އިންޓަރ މިލާނާއި ކަގްލިއާރީ ބައްދަލުކުރިމެޗް އިންޓަރ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗް ވެގެން ދިޔައީ އިންޓަރއަށް ވަރަށް އުނދަގޫ މެޗަކަށެވެ. އެންމެ ބޮޑު އެއް ސަބަބަކަށްވީ ކަގްލިއާރީއިން ޑިފެންޑް ކުރަމުން ދިޔަލެއް ރަނގަޅުވުމެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު 77 ވަނަ މިނެޓްގައި ޖަހައިދިނީ އިންޓަރގެ މަޓިއޯ ޑާމިއާންއެވެ. މިއީ ސެރީއާގައި އިންޓަރއިން ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ.

މިކާމިޔާބީއާއެކު އިންޓަރއަށް މިހާރުވަނީ ކުޅުނު 30 މެޗުން 74 ޕޮއިންޓް ލިބިފައެވެ. ދެވަނައިގާ އުޅޭ އޭސީ މިލާނަށް ލިބިފައިވަނީ 30 މެޗުން 63 ޕޮއިންޓެވެ. އެހެން ކަމުން އިންޓަރއަށް ސެރީއާ ކާމިޔާބު ކުރުމަށްޓަކައި މިވަގުތު ބޭނުންވަނީ ކުރިއަށް އޮތް 8 މެޗުން 16 ޕޮއިންޓެވެ. ޕޮއިންޓް ތާވަލްގެ ތިން ވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ރޭ ވަނީ ގެނޯއާ އާއި ބައްދަލުކުރިމެޗް 3 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައެވެ. އަދި ހަތަރު ވަނައިގާ އުޅޭ އެޓަލާންޓާވެސް ވަނީ ފިއޮރެންޓީނާ އާއި ބައްދަލުކުރިމެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްފައެވެ.