ޚަބަރު

މުލަ ރޯދަ ދުވަހަކީ އަންނަ އަންގާރަ ދުވަސް


މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ހަނދު ސާބިތު ކުރުމުގެ ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ އިއްވެވި ބަޔާނުގައި ވިދާޅުވީ މިރޭ އިރުއޮއްސޭއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާކަމަށެވެ. އިސްލާމިކް މިނިސްޓަރ ވަނީ އަންނަ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1 ވަނަދުވަހަކީ މިމަހުގެ 13 ވާ އަންގާރަދުވަހެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.

ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ރާއްޖޭގެ އެންމެ އުތުރަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން ހަނދު އޮއްސެއެވެ. އަދި މާލެއަށް، އިރު އޮއްސުމުގެ 22 މިނެޓް ކުރިން ހަނދު އޮއްސެއެވެ. ރާއްޖޭގެ އެންމެ ދެކުނަށް މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސެއެވެ.